ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް 69،780 ވެހިކަލް ރަޖިސްޓްރީ ކުރި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ އަށް އެކަނި ވެސް 42،000 އުޅަނދު ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ.

Ad
rt

"ހިސާބުތަކަށް ބަލާ އިރުގައި ސިއްސައިގެންދާ ވަރުގެ އަދަދަކަށް ރަޖިސްޓްރީވަމުންދަނީ، އެއީ ގްރޭޓާ މާލެ އޭރިޔާ، މި އޭރިޔާއަކީ ވަރަށް ހައި ޑެންސިޓީއެއް އޮންނަ ތަނެއް،.މުޅި ދިވެހި ރާއްޖެއަށް 69،870 ދުއްވާ އުޅަނދު ރަޖިސްޓްރީކުރެވިފައި އެބަހުރި. އޭގެތެރެއިން 42،000 އުޅަނދު އެބަހުރި މާލެ ސަރަހައްދަށް ރަޖިސްޓްރީކޮށްފައި. އެހެންވީމާ އެނގިވަޑައިގަންނަވާނެ މި ސްކޭލްގައި މި ޓްރެންޑް މި ގޮތަށް ދާ ކަމަށްވާ ނަމަ، މި މާލެ އޭރިއާ ދާނީ އަޅުގަނޑުމެންނަށް ނުހިފެހެއްޓިގެން." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ފާއިތުވީ ފަސް އަހަރު އާދަޔާ ހިލާފަށް އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާތީ މި ސްޕީޑުގައި އުޅަނދު ރަޖިސްޓްރީ ކުރާނަމަ މާލޭގެ ޓްރެފިކް ނުހިފެހެއްޓޭނެ ކަމަށެވެ. އަމީން ވިދާޅުވީ ގާނޫނުގެ ތެރެއިން ކަންކަން ކޮށްފިނަމަ އެއީ އުޅަނދުތައް ރަޖިސްޓްރީކުރަން ޖެހޭނެ އަދަދެއް ނޫން ކަމަށެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި މިނިސްޓްރީއަށް ލިބިދޭ ބާރުގެދަށުން ރަޖިސްޓްރީކުރުން މަޑު ޖައްސާލައިފިނަމަވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ގިނަވެ، ތޮއް ޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިސް ނަގައިގެން މިހާރު ވަނީ ހާއްސަ ކޮމިޓީ އެއް ވެސް އުފައްދައިފަ އެވެ. އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ކުރާނެ ކަމަކީ ވެހިކަލް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ދަނެގަނެ އެ ފިޔަވަޅުތައް އެޅުމެވެ.