ކުރީގެ ސަރުކާރުތަކުން އަޅާނުލައި އޮތް ވިލިމާލޭގެ ތަރައްގީ އަށް މި ސަރުކާރުން އިސްކަން ދޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ވިލިމާލެއަކީ އަޅާނުލައި އޮތް ތަނެއްގެ ގޮތުގައި އޮތް އޮތުން، ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

Ad
rt

"ތިބޭފުޅުން [ވިލިމާލެ ރައްޔިތުން] ޔަގީން ކުރައްވާ، ޒަމާންތަކެއް ވަންދެން އަޅާނުލެވި އޮތް ޝަހަރެއްގެ ގޮތުގައި މި އަވަށް އޮތް އޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނިމުމަކަށް ގެންނަ ތަން ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ." ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ ވިލިމާލޭގެ 100 އެނދު ހޮސްޕިޓަލު ޑިޒައިން ކުރުމުގެ މަރުހަލާގައި އޮތް އިރު، މި ފެށުނު އާ އަހަރުގެ ތެރޭގައި އެކަން ހަގީގަތަކަށް ވަމުންދާ ތަން ފެނިގެންދާނެ ކަމަށެވެ.

"މިހާރު ޑިޒައިނިން މަރުހަލާ ކުރިއަށްދަނީ، މާ ލަސްތަކެއް ނުވެ ފެނިގެންދާނެ މި ފެށުނު އާ އަހަރު އެކަން ހަގީގަތަކަށް ވެގެންދާ މަންޒަރު" ހަލީލް ވިދާޅުވިއެވެ.

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާ ގޮތަށެވެ. އަދި ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާ ވެސް ރައްޓެހި ގޮތަކަށެވެ.

މާލެ އާއި ވިލިމާލެ އާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ހިދުމަތް އަދި ތައާރަފުކުރިނަމަވެސް މިހާ ހިސާބުން މަސައްކަތް ނުނިމޭ ކަމަށެވެ. މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ސީ އެމްބިއުލާންސްގައި އިތުރު އާލާތްތައް ހަރުކުރަން ޖެހޭ ކަމަށާއި އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.