" އޭނަ އަދިވެސް ބަލަން އިނީ! އަހަރެން ރީތިވީ ކަންނޭނގެ! އަހަރެން ހަމަ ވަގުވަގަށް ބަލައިލިޔަސް އެބަ ހީލާ! "
ޖުމާ މިފަހަރު ވާހަކަ ދެއްކީ އަނގަމަތީގައި އަތް ޖައްސާލައިގެން ދެތުންފަތް ފޮރުވައިގެން އިނދެއެވެ.
" ދެން ޖުމާ އިނދެބަލަ ނުބަލާ! "
ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް ޒާރާ ބުނެލިއެވެ. އެއާއެކު ޖުމާ އަވަސް އަވަހަށް އިސްޖަހާލިއެވެ. ނަމަވެސް ރުޝްދީ އޭނާއަށް ބަލަމުންދާކަން ޖުމާއަށް އެނގެއެވެ. އެހެންކަމުން އޭނާއަށް އިނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ. ޖުމާއަށްވުރެ އެތަށް އަހަރެއް ދޮށީވި ނަމަވެސް ރުޝްދީއަކީ ޖާނުން ވަރުގަދަ ރީތި މީހެކެވެ. އަންހެން ކުދިންގެ ހިތް ދަމައިގަންނަ ފަދަ ސިފަތަކެއްގެ ވެރިއެކެވެ.
" ހިނގާ ދާން"
ޓިޝޫއެއް ނަގާ ދެއަތް ފުހެލަމުން ޖުމާ ބުނެލިއެވެ. އެއާއެކު ޒާރާވެސް ތެދުވެ ދުރަށް ހިނގައިގަތެވެ.
" އޭނަ އަނެއްކާ އަހަންނަށް އުނދަގޫ ނުކުރާނެތަ ދޮންތާ! އެހާ ވަރަށް ބެލީމަ ވަރަށް ފޫހިވެއްޖެ ދެން ބޭރަށް ނުވެސް ނިކުންނާނަން"
ކުޑަކުއްޖަކު ފަދައިން ޖުމާ ޝަކުވާ ކުރަން ފެށިއެވެ. އެއާއެކު ޒާރާއަށް ތަންކޮޅެއް ބާރަށް ހީލެވުނެވެ.
" ދެން މީހުންވެސް ބަލާނެއެއްނު.. އަޅާލާނެކަމެއް ނެތް... "
އެހެން ބުނުމަށްފަހު ގެއާ ދިމާލަށް މިސްރާބު ޖަހަމުން ޒާރާ ޖުމާގެ އަތުގައި ހިފައިގެން ތަންކޮޅެއް ބާރަށް ހިނގައިގަތެވެ. އޭރުވެސް ޖުމާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
***
ރީނާގެ އެދުމަށް މާހިލް އެގެއަށް ދިޔައީ އެއްގޮތަކަށްވެސް ދާހިތަކުން ނޫނެވެ. ރީނާއާ ދުރުވާން މަސައްކަތްކުރި ވަރަކަށް، ރީނާ ބަލަނީ މާހިލް ގާތް ކުރެވޭތޯއެވެ. މާހިލް ދިޔައިރު ރީނާ ހުރީ ގޭގެ ސިޓިންގރޫމްގައެވެ. އޭނާގެ މޫނުމަތީގައިވަނީ އުފާވެރި ހިނިތުންވުމެކެވެ. ލައިގެން ހުރީ ނިވާކަން ކުޑަ ހެދުމެކެވެ. ފަލަމަސްގަނޑުން ބޮޑު ބައެއް ހާމަވާން އޮތް އިރު ގަޔަށް ބާރު އެ ތުނި ފޭރާމުން އޭނާގެ ހަށިގަނޑުގެ ވަނާތައް ފާޅުވެއެވެ.
މާހިލަށް އެކި ދިމަދިމާލަށް ނަޒަރު ހިންގާލެވުނީ ރުޝްދީ އުޅޭތޯއެވެ.
" ބޭބެވީ ދެދުވަހަށް މާލެ ގޮސް! "
މާހިލާ ދިމާލަށް ހިނގައިގަންނަމުން ރީނާ ބުނެލީ ނުހަނު މަޑުމަޑުންނެވެ. އޭނާ އައި ގޮަތަށް އައސް ސިޓިންގރޫމްގެ ދޮރު ލައްޕާލުމަށްފަހު ތަޅުލިއެވެ. އެހިސާބުން މާހިލްގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.
" ހާދަ މަޑުމަޑުން ތި ހުންނަނީ؟ މިގެއަކު ނެތޭ އެއްވެސް މީހަކު"
މާހިލްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ރީނާ ބުންޏެވެ. ރީނާގެ އެ ޚަރަކާތުން މާހިލަށް އުނދަގޫ ވަމުން ދިޔައެވެ. ނަމަވެސް ރީނާ ހުރީ ދުރަށް ދާ ޚިޔާލެއްގައެއް ނޫނެވެ. އޭނާ މަޑުމަޑުން މާހިލްގެ ބުރަކަށީގައި ފިރުމާލަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
" ހިނގާބަލަ ކޮޓަރިއަށް"
" މިތަންވެސް ހަމަ ރަނގަޅެއްނު.."
ރީނާގެ އެދުމަށް ދެކޮޅު ހަދަމުން މާހިލް އަވަސް އަވަހަށް ހިނގައިގަތީ ސިޓިންރޫމްގައި ހުރި ސޯފާއާ ދިމާލަށެވެ. ރީނާއާމެދު އެއްވެސް ޝައުޤުވެރިކަމެއް ނެތޭ ބުނާ ފަދަ ގޮތަކަށް އޭނާ ރީނާއަށް ބަލައިލީ ފުޅާ ހިނިތުންވުމެއްގައި ހުރެއެވެ.
" މަންމަ ކާން ހަދާފައި ހުއްޓާ މިއައީވެސް.. އަހަރެމެންގޭގައި ކާނީ އެންމެން އެއްކޮށް! ރީނާ ގުޅީމަ ހީކުރީ ވަރަށް ބޮޑު ކަމެއް ވީ ކަމަށް"
ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް މާހިލް ފުންމައިގެން ތެދުވިއެވެ. އެއާއެކު ރީިނާގެ މޫޑު ބަދަލުވެގެން ދިޔައެވެ. އަވަސް އަވަހަށް ފުންނޭވާތަކެއް ދޫކުރަމުން ރީނާ މާހިލަށް ބަލައިލީ ރުޅި އައިސް ހުރެއެވެ.
" މާހިލް ތިއުޅެނީ މިހާރު މިގެއިން ދާންވެގެންތަ؟ "
" އާނ... ދެން މަންމަމެންނަށް ލަސްވާނެ އެއްނު"
މާހިލް ބުންޏެވެ. އެއާއެކު ރީނާ ބާރުބާރަށް އައިސް މާހިލްގެ މެދުހަށީގައި ނުހަނު ބާރަށް ބައްދައިގަތެވެ. އެއާއެކު މާހިލަށް ލިބުނީ އިތުރު ފޫހިކަމެކެވެ.
" ޕްލީޒް.. ނުދޭ! އަހަރެންވެސް މިހުންނަނީ މާހިލް އައީމަ ކާން ވެގެން.. ދެމީހުން އެއްކޮށް! "
ރީނާ އިސްއުފުލާލުމަށްފަހު މާހިލްގެ މޫނަށް މިފަހަރު ބަލައިލީ ހިނިތުންވަމުންނެވެ. ހިތުގައި ކެކި އަރަމުންދާ ރުޅިގަނޑު ކޮންޓްރޯލް ކުރަން ރީނާވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ރީނާގެ ޖުމްލަ އަޑު އެހުމަށްފަހު އެހާ އަވަހަށް އޭނާގެ ކައިރިން ސަލާމަތް ނުވެވޭނެކަން މާހިލަށް އެނގުނެވެ. އެހެންކަމުން އިތުރަށް ދައްކާނެ ބަހަނާއެއްވެސް އޭނާއަކަށް ނޭނގުނެވެ.
" ހިނގާބަލަ އަހަރެންގެ ކޮޓަރިއަށް..."
ލަދުރަކި ގޮތަކަށް ރީނާ ބުނެލިއެވެ. ބުދެއްހެން ހުއްޓި ހުރި މާހިލަށް ގުޑިލާންވެސް ނޭނގިފައި ހުރެވުނީ ސިކުނޑީގައި އެބުރެމުންދާ ޚިޔާލްތައް ގިނަ ކަމުންނެވެ. މާހިލްގެ އަތުގައި ހިފައިގެން ރީނާ ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އެއާއެކު މާހިލަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކޮޓަރީގެ މެދުގައި ހުރި މޭޒެއްގެ މަތީގައި ކެއުން ތައްޔާރު ކޮށްފައި ހުއްޓެވެ. ޕިއްޒާއަކާއި ދެތަށި ކޯކްގެ އިތުރުން ކުޑަ ކޭކެއްވެސް އޮތެވެ. އެހެންކަމުން ހައިރާންކަމާއެކު މާހިލަށް ބަލައިލެވުނީ ހެވިފައި ހުރި ރީނާގެ މޫނަށެވެ.
" މިއީ؟ މިއީ ކޮންކަމެއްތަ؟ "
މާހިލް އަހާލީ އާދައިގެ ގޮތަކަށެވެ.
" މިއީ؟ މިއީ އަހަރެން މާހިލްދެކެ ލޯބިވާތީ ކުރި ކަމެއް! ދެމީހުންގެ މި ލޯބިލޯބި ގުޅުން އިތުރަށް ވަރުގަދަކޮށްލަން ކުރި ކަމެއް! އާދޭ! އިށީންނަން އާދޭ!"
ރީނާ ގޮސް މޭޒުކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު މާހިލަށް އިޝާރާތްކުރިއެވެ. ދާން ބޭނުން ނުވި ނަމަވެސް މާހިލް އެދިމާލަށް ހިނގައިގަތެވެ.
" އަދި މި ނިމުނީއެއް ނޫނޭ! އަހަރެންގެ ފަރާތުން ކުޑަކުޑަ ހަދިޔާއެއްވެސް އެބައޮތް"
އެހެން ބުނުމަށްފަހު ރީނާ ގޮސް ހުއްޓިލީ އޭނާގެ އަލަމާރި ކައިރީގައެވެ. ކަޅިޖަހާނުލައި މާހިލް ރީނާއަށް ބަލަހައްޓައިގެން ހުރީ އޭނާ ކުރަން އުޅޭ ކަމެއް ނޭނގޭތީ ޖެހިލުންވާ ޙާލުގައެވެ. އޭރު މާހިލް އިނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. އިސާހިތަކު ކުޑަކުޑަ ޕާރްސަލެއް ނަގައިގެން ރީނާ އައިސް މާހިލްގެ ކުރިމަތީގައި ހުއްޓުނެވެ. އެއަށްފަހު ކުޑަކޮށް ކޮރެލުމަށްފަހު މާހިލްގެ ކޮލުގައި ތުންފަތް ޖައްސާލިއެވެ. އެއާއެކު މާހިލަށް ދަތްތައް ބާރުކޮށްލެވުނީ ހިތަށް އުނދަގޫވި ވަރުންނެވެ.
" މި ކަނޑާލަބަލަ! "
މާހިލްގެ މޭމަތީގައި އަތްޖައްސާލަމުން ރީނާ މާހިލްގެ ގައިގައި ލެނގިލިއެވެ. އެއާއެކު ރީނާގެ އަތުގައި އޮތް ފޮށިގަނޑުގައި ހިފަމުން މާހިލް ގަދަކަމުން ހީލިއެވެ.
" ދުރަށް ޖެހިލީމައެއްނު ކެނޑޭނީ! "
މާހިލް ބުނެލިއެވެ.
" އޯހް.. އޮހް! "
މާހިލް އެހެން ބުނުމުން ހީގަނެފައި ރީނާ ދުރަށް ޖެހިލިއެވެ. ލަސްލަހުން މާހިލް އެ ކުޑަކުޑަ ފޮށިގަނޑު ކަނޑަމުން ދިޔައިރު ރީނާ އިނީ ލޯބިވެތި ގޮތަކަށް މާހިލްގެ މޫނަށް ބަލަހައްޓައިގެންނެވެ.
" އިއަރޕޮޑެއް؟ "
" ހޫމްމް... ކަމަކު ނުދޭތަ؟ "
ރީނާ އަނެއްކާވެސް އައިސް މާހިލްގެ ގައިގައި ބައްދާލިއެވެ.
" ނޫން.. ކަމުނުދަނީއެއް ނޫން! އެކަމަކު... ރީނާ އަބަދު މިކަހަލަ އަގުބޮޑެތި އެއްޗެހި އަހަންނަށް ދޭތީ އެހާ ހިތްހަމައެއް ނުޖެހޭ! އަދި އަހަރެމެން ކައިވެންޏެއްވެސް ނުކުރަމެއްނު"
މާހިލްގެ ޖުމްލައިން ރީނާގެ ހިތަށް ނުތަނަވަސްކަން ވެރިކުރުވިއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ފަހަތަށް ޖެހިލުމަށްފަހު މާހިލްގެ މޫނަށް ބަލައިލިއެވެ.
" އެހެންވިއްޔާ ހިނގާ ދެމީހުން ކައިވެނި ކުރަން؟ "
ދެލޯ ބޮޑުކޮށްލަމުން ރީނާ އުފާވެރި ރާގެއްގައި ބުންޏެވެ. އެއާއެކު މާހިލްގެ މޫނުމަތި ކުރިއަށްވުރެ ބޮޑަށް ބަނަވެގެން ދިޔަ ކަހަލައެވެ.
" ކައިވެނި ނުކުރަންވީ ސަބަބެއް އަހަންނަކަށް ނޭނގެ! އަހަރެން މާހިލްދެކެ ލޯބިވޭ! މާހިލްވެސް އަހަރެންދެކެ ލޯބިވެއެއްނު! ދެން ކޮބާ މައްސަލައަކީ؟ "
ކަންބޮޑުވެފައިވާ މާހިލްގެ މޫނު ފެނި ރީނާ ބުންޏެވެ. ރީނާގެ ޖުމްލަތައް އަޑުއަހަން ހުރެ މާހިލް ދޫކޮށްލީ ފުން ނޭވާއެކެވެ. އެއަށްފަހު އޭނާ ބޯޖަހާލަމުން ވާހަކަ ފެށީ ފުން ވިސްނުމެއްގައި ހުރެއެވެ.
" އެކަމަކުވެސް... އަހަންނަކަށް އަދި ނޭނގޭނެ ދިރިއުޅުމުގެ އެއްވެސް ޒިންމާއެއް އުފުލާކަށް! ވަޒީފާއަކަށްވެސް ނުދަން.. މަންމަމެން ޤަބޫލެއްވެސް ނުވާނެ އެހާ އަވަހަށް އަހަރެން ކައިވެންޏަކާ ހަމައަށް ދާކަށްވެސް.. އެހެން ނޫނަސް ދެމީހުން ރައްޓެހިވެގެން އަދި އެހާ ގިނަ ދުވަހެއްވެސް ނުވެއެއްނު.. ދެމީހުން.. އެކަކު އަނެ...ކަކު...ދަސް...ކުރަން..."
މާހިލްގެ ވާހަކަތައް ލަސްވަމުން ގޮސް މެދު ކެނޑުނީ ރުޅި އައިސްގެން ތުރުތުރު އަޅަމުންދާ ރީނާގެ މޫނު ފެނުމުންނެވެ. އޭރު އޭނާގެ މޫނުމަތީގައި ރުޅިވެރިކަން ފިޔަވައި އެއްވެސް އިތުރު އިޙްސާސެއް ނެތް ކަހަލައެވެ.
" ދަސްކުރަން؟ ކޯއްޗެއް ދަސްކުރަން؟ އަހަރެން މާހިލްދެކެ ލޯބިވާވަރަށް ލޯބިވާނެ އެއްވެސް މީހަކު މި ދުނިޔެއަކުން ނުލިބޭނެ.. މާހިލް ދުވަހަކު ވަޒީފާއަކަށް ނުދިޔަސް އަހަންނަށް މާހިލް ގެންގުޅެވޭނެ.. އުޅެން ބޭނުންވާ ކޮންމެ ފެންވަރެއްގައި އަހަރެން މާހިލް ގެންގުޅޭނަން.. ޕްލީޒް އަހަންނާ މެރީ ކުރޭ"
އެންމެ ފަހު ޖުމްލަ ދޫކޮށްލުމަށްފަހު ރީނާއަށް ރޮވުނެވެ. ސިކުނޑިއަށް ލިބެމުންދާ ވަރުބަލިކަން ފިލުވާލުމަށްޓަކައި މާހިލަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭރުވެސް ދުރުގައި ހުރެގެން ރީނާ ގިސްލަމުން ދެއެވެ. އަތުގައި އޮތް އިއަރޕޮޑު މޭޒުމަތީގައި ބޭއްވުމަށްފަހު މާހިލް ދެޖީބަށް އަތް ޖަހާލަމުން ރީނާއަށް ބަލައިލިއެވެ.
" ކައިވެންޏަށްފަހު އަނބިމީހާއެއްނޫން ފިރިމީހާ ބަލަން ޖެހޭނީ! ޚަރަދު ކުރުމަކީ ފިރިމީހާގެ ޙައްޤެއް! އަހަރެން އަދި ކައިވެންޏަކާ ހަމައަށް ދާކަށް ނުވިސްނަން..އަހަންނަށް ރަނގަޅީ ރީނާ ދެން މިކަހަލަ އަގު ބޮޑެތި އެއްޗެހި އަހަންނަށް ގިފްޓް ނުކުރިއްޔާ"
މިހެން ބުނުމަށްފަހު މާހިލް އަވަސް އަވަހަށް ދޮރާ ދިމާލަށް ހިނގައިގަތެވެ. އެންމެ ވަގުތު ކޮޅަކުވެސް އެތަނުގައި ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ.
" އަހަރެންގެ މަރުގެ ޒިންމާ ނަގައްޗޭ! "
ކުއްލިއަކަށް އިވުނު ޖުމްލައިން މާހިލްގެ ފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. ކޭކު ކައިރީގައި އޮތް ވަޅި ނަގައިގެން ހުރި ރީނާގެ ދެލޮލުން އޭރުވެސް ކަރުނަތައް ފައިބަމުން ދެއެވެ. އެމަންޒަރު ފެނި މާހިލް ނުހަނު ކަންބޮޑުވެއްޖެއެވެ. ބިރުން އޭނާގެ ހަށިގަނޑު ރޫރޫ އަޅަން ފެށިއެވެ.
" ރީނާ! ނޫން.. ތިހެން ނޫޅޭބަލަ! އަހަރެން މިދަނީ ރުޅި އައިސްގެންނެއް ނޫނޭ.. އަސްލުވެސް.. އަހަރެން..އަހަރެން ލަދުގަތީ އަސްލު އަހަންނަށް އެއްވެސް އެއްޗެއް ރީނާއަކަށް ނުދެވެނެއެއްނު.. މުޅިންވެސް ރީނޫއެއްނު ތި ދެނީ! އެހެންވެ.. އެހެންވެގެން ވަރަށް ލަދުގަތް.."
ލަސްލަހުން ރީނާއާ ދިމާލަށް އަންނަމުން މާހިލް ވާހަކަ ދެއްކީ ރީނާ ހަމައަކަށް އެޅުވޭތޯއެވެ.
" އެކަމަކު މާހިލް އަހަންނާ ކައިވެނި ކުރާކަށްވެސް ބޭނުމެއް ނުވެއެއްނު"
ރީނާ ރޮމުން ރޮމުން ފަހަތަށް ޖެހެން ފެށިއެވެ. އޭރުވެސް މާހިލް ކުރިއަށް ހިނގަމުން ދިޔައެވެ.
" އަހަރެން ބުނީ އަދި ނުވެޔޭ އެއްނު! ކެތްކުރަންވާނެއެއްނު"
" އެހެންވިއްޔާ ބުނޭ އަހަރެންދެކެ ލޯބިވެޔޭ! މާހިލް ދުވަހަކުވެސް ނުބުނެ އަހަރެން ދެކެ ލޯބިވާ ވާހަކަވެސް"
ކުޑަކުއްޖަކު ފަދައިން ރީނާ ބުނަމުން ދިޔައެވެ. އެއާއެކު މާހިލް ދެފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ.
" މުޅިން ގޯސްކޮށް ތި ވިސްނަނީ! އަހަރެން ރީނާ ދެކެ ލޯބި ނުވާނަމަ ރީނާއާ ވާހަކަވެސް ނުދައްކާނެއެއްނު.. މިގެއަކަށްވެސް ނާންނާނެ އެއްނު"
މާހިލް އެހެން ބުނުމާއެކު ދުރަށް ވަޅި ހޫރާލަމުން ދުވެފައި އައިސް ރީނާ މާހިލްގެ ގައިގައި ޖެހިގަތެވެ. އެއާއެކު ރީނާގެ ގައިގައި ހިފަހައްޓަން މާހިލަށްވެސް މަޖުބޫރުވިއެވެ.
" އަހަރެން މާހިލްދެކެ ވަރަށް ލޯބިވޭ! ދުވަހަކުވެސް ބޭނުމެއް ނުވޭ ދުރަށް ދާކަށް"
" ޝްޝް! ހުއްޓާލާ! ހަމަޖެހިލައިގެން އާދޭ އެއްޗެއް ކާލަން! ކައިގެން ނިދާލާ! އޭރުން ހަމައަކަށް އެޅިދާނެ"
މާހިލް މަސައްކަތްކުރީ އޭނާގެ ގައިން ރީނާ ދުރުކުރެވޭތޯއެވެ. މަޑުމަޑޫން ގޮސް ރީނާ ގޮނޑީގައި ބައިންދާލުމާއެކު ރީނާ އަނެއްކާވެސް މާހިލްގެ އަތުގައި ހިފިއެވެ.
" މިރޭ މާހިލްވެސް އަހަންނާއެކު މިގޭގައި މަޑުކުރަންވީނު! "
ރީނާގެ ޖުމްލައިން މާހިލަށް ލިބުނީ ކުއްލި ސިހުމެކެވެ. ނޫނެކޭ ބުނެފި ނަމަ އަނެއްކާވެސް ރީނާގެ ޑްރާމާގަނޑު ދައްކާލާނެކަން މާހިލަށް މިހާރު އެނގެއެވެ. ނަމަވެސް އޭނާއަކަށް އެކަމާ އެއްބަހެއްވެސް ނުވެވުނެވެ.
" އެގޮތް ކަމަކު ނުދާނެއެއްނު! މަންމަމެން ނުނިދާނެ އަހަރެން ގެއަށް ނުވަންނަނީހެއް! "
" އެހެންވިއްޔާ ވަރަށް ލަހުންދޯ ގެއަށް ދާނީ"
އަނެއްކާވެސް ރީނާ ބުނެލިއެވެ. އެއާއެކު ހީލަމުން މާހިލް ބޯ ޖަހާލިއެވެ.
***
" މަށަކަށް ހިއެއް ނުވޭ ތިއީ ހަމަ ކުއްޖެއް ހެންނެއް! "
ގެއަށް އައި މަގުމަތީގައި ހާނިމްއަށް ގުޅައިގެން މާހިލް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
" ކަލޭ އަވަހަށް ސަލާމަތްވޭ! "
އަނެއްކާވެސް ހާނިމް ބުންޏެވެ. އެއާއެކު މާހިލަށް ވާހަކަ ދެއްކުނީ ރުޅިވެރި ރާގެއްގައެވެ.
" ސަލާމަތްވާނީ ކިހިނެއް؟ މިރޭވެސް އެހުރީ ކަންތައް ކުރި ގޮތް! ،މަ ވަރަށް ބިރުގަތް! އޭނައާ މަށެއް ދުވަހަކުވެސް ނީންނާނަން! މާ ރުޅިގަދަ މަންޖެއެއް! އަނެއްކާދެން މިރޭ ކަމެއް ނުކޮށް ސަލާމަތްވެއްޖެ"
" ކޮބާ ދެން އިއަރޕޮޑު! ކަލޭ ބޭނުން ނުވިޔަސް އެ ގެންނަން ޖެހޭނެދޯ! މަށަށް..."
ހިނިގަނޑެއް ޖަހާލަމުން ހާނިމް ބުނެލިއެވެ. އެއާއެކު މާހިލް ޗޮކެއް ކަނޑާލަމުން ބުންޏެވެ.
" އެ ގެނައިން.. ނުގެނެސް ކޮންތާކަށް ދާނީ؟ "
ވާހަކަ އެހިސާބަށް ދިޔައިރު މާހިލަށް ގެއާ ހަމައަށް އާދެވިއްޖެއެވެ. އެހެންކަމުން ފޯނު ބޭއްވުމަށްފަހު ދޮރާށި ހުޅުވާ އެތެރެއަށް ވަނުމާއެކު މާހިލަށް ލިބުނީ ކުއްލި ސިހުމެކެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!