ހދ.ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބީ14 ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރުއްގަނޑު އެފްސީ ހޯދައިފިއެވެ.
އިއްޔެ ހަވީރު ނޭކުރެންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރުއްގަނޑު އެފްސީއާއި ކްލަބް ސިވިކް އެވެ. ވާދަވެރި ފޯރިގަދަ ފައިނަލް މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރުއްގަނޑު އެފްސީއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރުއްގަނޑު އެފްސީގެ އަކްރަމް އަބްދުލް ރަޝީދެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަނަށް ހޮވުނީ ރުއްގަނޑު އެފްސީގެ އަހްމަދު ބައްސާމާއި އެ ޓީމްގެ މުހައްމަދު ސާދު ނިޒާރާއި، ކްލަބް ސިވިކްގެ އަހްނަފް ރަޝީދުއާއި އެ ޓީމްގެ ހުސެއިން ޝަރީފްގެ އިތުރުން ކްލަބް ސެނޮންގެ އަބްދުﷲ ޔާމީންއެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހައިގެން ޓޮޕް ސްކޯރާ މަގާމު ދެ ކުޅުންތެރިއަކު ވަނީ ހޯދާފައެވެ. އެއީ ސެނޮންގެ އަބްދުﷲ ޔާމީންއާއި ސިވިކްގެ އަހްނަފް ރަޝީދެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ކްލަބް ސިވިކްގެ މުހައްމަދު ރާއީ ފަޒީލް ހޮވުނުއިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ހެމަނަސް އެފްސީއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދި ޓޯނަމަންޓް) އަށް ހޮވުނީ ރުއްގަނޑު އެފްސީގެ އަހްމަދު ބައްސާމް މުހައްމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!