ހއ. ތުރާކުނު ކައުންސިލް މެންބަރު އިސްމާއީލް ޝާފިޢު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ.

ޝާފިޢު އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައި އެކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރި ހަމައެކަނި މެންބަރެކެވެ.

Ad
d

ވެރިކަންކުރާ ޕީއެންސީ އާއި ޝާފިޢު ގުޅިފައިވާކަން ހާމަކުރެއްވީ، ތުރާކުނަށް ނިސްބަތްވެވަޑައިގަންނަވާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު އެވެ.

ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ރަށްރަށަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ތުރާކުނުގައި ހުންނަވައި ސައީދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތުރާކުނު ކައުންސިލް މެންބަރު ޝާފިޢު އާއި އެރަށުގައި އެމްޑީޕީގެ ކުރީސަފުގައި އެއްމެ އިސްކޮށްމަސައްކަތް ކުރައްވާ ޒުވާން ޓީމު ޕީއެންސީއާއި ގުޅިފައިވާ ކަމަށެވެ. އަދި އެއީ ލިބިވަޑައިގަތް ވަރަަށްބޮޑުއުފަލެއް ކަމަށް ވިދާޅުވެފަވެއެވެ.

''މިއީރައްޔިތުންގެ ހިތުގައި ސަރުކާރަށް އޮތްޔަޤީންކަން ވަރަށްފުރިހަމަޔަށް ހާމަވެގެންދާކަމެއް! މަރުޙަބާ ރައީސް ޑރ. މުޢިއްޒު'' ސައީދު ވިދާޅުވެފަވެއެވެ.

ސައީދު މީގެ ކުރީން 2021 ވަނަ އަހަރު އެރަށަށް ކުރެއްވި ދަތުރެއްގައި އެ ރަށު މިނިވަން ދެ ކައުންސިލަރަކު ވަނީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފައެވެ. ޕީޕީއެމާއި/ޕީއެންސީ އަކީ އެއް ކޯލިޝަނެއްގޮތުގައި މަސައްކަތްކުރާ ދެ ޕާޓީ އެވެ.

މިގޮތުން 9 އޯގަސްޓް 2021 ގައި ޕީޕީއެމާއި ގުޅުނު ތުރާކުނުގެ މިނިވަން ދެ ކައުންސިލަރުންނަކީ ހުސްނާ އިބްރާޙީމްއާއި، ޠާހާ އަލީއެވެ. އެ ދެބޭފުޅުން އޭރު ޕީޕީއެމަށް ސޮއި ކުރީ "މަވެސް ޕީޕީއެމް" ނަމުގައި އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް އޭރު ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ.

ތުރާކުނު ކައުންސިލްގައި ދެން ތިއްބަވާ މެންބަރުންކުރެ ރައީސް އަލީ އަބުދުއްލަތީފް އާއި ނައިބު ރައީސް މަރިޔަމް ފަރުޝާ އަކީ މިނިވަން މެންބަރުންނެވެ.

Ad
df

17 މާރިޗް 2021 ގައި އަލަށް އިންތިޚާބުކުރި ކައުންސިލަރުންގެ ގޮތުގައި އޭރު ތުރާކުނުގެ ފަސް ގޮނޑި ތެރެއިން ހަތަރު ގޮނޑި ކާމިޔާބު ކުރީ މިނިވަން ކެންޑިޑޭޓުންނެވެ. ޝާފިޢު އަކީ އެމްޑީޕީގެ ޓިކެޓްގައި ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓެވެ.