މަޖިލީހުގެ މެންބަރުންނާއި ދައުލަތާއި ކައުންސިލްތަކުގެ ވެރިންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމުމުން އެކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން ފާޑު ވިދާޅުވެއްޖެއެވެ.

އެކަމަށް ފާޑުވިދާޅުވެ، ކުރިން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ފާރިސް ''އެކްސް''ގައި ލިޔުއްވާފައިވާ ގޮތުގައި މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެން ދަނީ އެމްޑީޕީ ވިޔަސް ޕީޕީއެމް-ޕީއެންސީ ވިޔަސް، ބޮޑެތި ޕާޓީތަކުން އަމަލު ކުރަމުން އަންނަނީ އެއްގޮތަކަށް ކަމެވެ.

Ad
rt

އެކަމުން އެނގިގެން ދަނީ އެ ޕާޓީތަކުގެ ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީކަން ކަމަށް ފާރިސް ވިދާޅުވެފަވެއެވެ. އަދި މި ނިޒާމު ބަދަލުކުރުމަށް އާ ވިސްނުމެއްގެ މީހުން ހޮވަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އާބާދީގެ ނިސްބަތުން, މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ މަދުކުރަން ޖެހޭކަމަށް ވެސް ފާރިޝް ވަނީ ވިދާޅުވެފައެވެ.

''މަޖިލީސް މެންބަރުންގެ މުސާރަ ކުރަން ޖެހެނީ ކުޑަ! މެންބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަން ޖެހޭ'' ފާރިސް ވިދާޅުވެފަވެއެވެ.

ފާރިޝް މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހާއި އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑު ކުރަން ނިންމާފައެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރާއި، ގަވަރުނަރާއި، އޮޑިޓާ ޖެނެރަލާއި، ޕްރޮސެކިއުޓާ ޖެނެރަލާއި، ސިޓީތަކުގެ މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވެސް ވަނީ ފާސްކޮށްފައެވެ.

ފާރިސް އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުގައި މާލޭގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރަށްވާނެކަން ޢިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ.