ކުޅުދުއްފުށީ ސިޓީގައި މާދަމާ ރޭ ފައިލޭރިއާ ބައްޔާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަން ނިންމައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ބުނީ، ފައިލޭރިއާ ބައްޔާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް އަންގާރަ ދުވަހު (19 ޑިސެމްބަރު)ގެ ރޭ އޮންނާނެ ކަމަށެވެ. އަދި އެ ސެޝަނަށް އެރަށުގެ ރައްޔިތުންނަށް އެ ހޮސްޕިޓަލުން ވަނީ ދައުވަތުދީފައެވެ.

Ad
rt

މި ސެޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާރޭ 20:30ގައި ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

ކުޅުދުއްފުށީގައި އިތުރު 2 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީގައި މާދަމާ ރޭ ފައިލޭރިއާ ބައްޔާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަން ނިންމާފައި މިވަނީ އެރަށުގައި އުޅޭ ބިދޭސީން ސްކްރީން ކްރުމުގެ ތެރެއިން އެތަނުން 19 މީހަކު މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ.

ކޭއާރުއެޗުގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ''ތިލަދުން'' އަށް މިއަދު ވިދާޅުވީ، ބަލި ހުރިތޯ ދެނެގަތުމަށް މިހާތަނަށް އެރަށުގައި އުޅޭ 100 އަށްވުރެ ގިނަ ބިދޭސީން ސްކްރީންކޮށްފައިވާކަމަށެވެ. އަދި ރެންޑަމްކޮށް ރަށުތެރެއިން ވެސް ސާމްޕަލް ނަގައި ސްކްރީން ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ފައިލޭރިއާ އަކީ އާންމުގޮތެއްގައި ''ކިއުލެކްސް'' ކިޔާ ބާވަތެއްގެ މަދިރީގެ ޒަރީރާއިން ޖެހޭ ބައްޔެކެވެ.