ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ބާސާއަށް ގެއްލިއްޖެއެވެ.

ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ މޮޅެއް ނުލިބި ބާސާ ޖެހިޖެހިގެން ނިންމާލި ތިންވަނަ މެޗެވެ. ފާއިތުވި ހަފްތާގައި ލީގުގައި ޖިރޯނާ އަތުން އަމިއްލަ ދަނޑުގައި ބާސާ ބަލިވިއިރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ރޯޔަލް އެންޓްވަޕް އަތުން ވެސް ބާސާ ވަނީ ބަލިވެފައެވެ.

Ad
rt

ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެގެން މިވަގުތު އޮތީ ޖިރޯނާއެވެ. އެ ޓީމަށް 16 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު ބާސާ ތިންވަނާގައި އޮތީ 17 މެޗުން ލިބުނު 35 ޕޮއިންޓާއި އެކުގައެވެ. މިވަގުތު ހަ ޕޮއިންޓްގެ ފަރަގެއް މި ދެ ޓީމްގެ ދެމެދު އޮތްއިރު ހޯމަ ދުވަހުގެ ރޭ އަލަވޭސް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ބާސާއާއި ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް އިތުރު ކުރުމުގެ ފަރުސަތު ޖިރޯނާއަށް އެބައޮތެވެ.

ޕޮއިންޓް ތާވަލުގެ ދެވަނާގައި 16 މެޗުން ލިބުނު 39 ޕޮއިންޓާއި އެކު މިވަގުތު އޮތީ ރެއާލް މެޑްރިޑެވެ. މިރޭ އަމިއްލަ ދަނޑުގައި ރެއާލް ނުކުންނާނީ ވިޔަރެއާލް އާއި ދެކޮޅަށެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު ޑި ޖޮން ކުޅުނު މޮޅު ޕާހަކުން ރަފީނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ފެލިކްސް އެވެ. މިއީ އޭނާ ބާސާއަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ޖެހި ތިންވަނަ ލަނޑެވެ.

ވެލެންސިއާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 70 ވަނަ މިނެޓުގައެވެ. ބާސާގެ އޭރިއާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ މަތީކަނަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ ހުގޯ ގުއިލަމަން އެވެ.

މެޗުން މޮޅުވާ ރަނގަޅު ފުރުޞަތުތަކެއް ބާސާއިން ތަނަވަސް ކުރި ނަމަވެސް ފެރާން ޓޯރޭސްއާއި ރަފީނިއާއަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނެވެ. އެ ހަމަލާތައް ހުއްޓުވުމުގައި ވެލެންސިއާގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.