ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ ވިލާތަށާއި، އެކުވެރި އަރަބި ޢިމާރާތް، ޔުނޭޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދު ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ:
މިއީ، ރާއްޖޭގެ ރައީސެއްގެ ރަސްމީ ދަތުރުފުޅުތަކުގެ ތަފްސީލް ސަރުކާރުން މިގޮތައް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ވަނީ އެމަނިކުފާނު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުގެ ޚަރަދުތައް އެދަތުރެއް ނިންމަވައި ވަޑައިގަންނަވާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަ ކުރައްވަން ނިންމަވައި، އެކަން ޢިއުލާން ކުރައްވާފައެވެ.
މިގޮތުން މިހާތަނަށް ރައީސް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ ތުރުކީވިލާތަށެވެ. އެއަށްފަހު އެ ޤައުމުން ދެން ވަޑައިގަތީ ޔޫއޭއީ އަށް ކޮޕް28ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ކުރެއްވި މި ދަތުރުފުޅުތަކުގެ ތަފްސީލް ތަފްޞީލުތައް ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބެވެ. މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް އެ ދެޤައުމަށް ކުރެއްވި ދަތުރުފުޅުތަކުގެ ޚަރަދުގެ ޖުމްލައަކީ 3،489،165.12 ކަމަށް ޝަހީބު ވިދާޅުވިއެވެ. އަދި ޝަހީބު ވަނީ ތުރުކީގެ ދަތުރުފުޅާއި ޔޫ.އޭ.އީގެ ދަތުރުފުޅުގެ ޚަރަދުތައް ވަކިވަކިން ތަފްޞީލުކޮށްދެއްވާފައެވެ.
މިގޮތުން 28 ބޭފުޅުން ބައިވެރިވެވަޑައިގަތް އެ ދަތުރުފުޅުގައި ތުރުކީ ސަރުކާރުން އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަރަދުތައް ހަމަޖައްސައި ދެއްވިކަމަށް ވިދާޅުވިއެވެ. އަދި ޔޫއޭއީ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުން އެ އިންތިޒާމު ހަމަޖައްސައިދިނީ 10 ބޭފުޅަކަށް ކަމަށް ވިދާޅުވިއެވެ. އެހެންވެ، ދުބާއީ ދަތުރުފުޅުގައި އެކޮމޮޑޭޝަނާއި ފަރިއްކޮޅާއި އެތެރޭގެ ދަތުރުތަކަށް 775،000ރ. ދައުލަތުން ހަރަދުކުރި ކަމަށް ވެސް ޝަހީބު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!