މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެހީގައި ހުޅުމާލެ، ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރު ވެހި" ހުޅުވައިފިއެވެ.

ހުރަވީ ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، ހުނަރު ވެހި ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އިސްވެރިންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރި ވަޑައިގެންނެވިއެވެ.

Ad
rt

މިއީ އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ގާއިމު ކުރި ހަބެކެވެ. ހުނަރު ވެހި ބިނާކުރުމުގެ މަޝްރޫއަކީ، ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއެރުވުމަށާއި، އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު މަޝްރޫއުއެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، ހުނަރު ވެއްސަށް ބޭނުންވާ ވާޑާންކުރުމުގެ ސަމާނާއި، ކަރަންޓާއި ވައިރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުތައް އެމްއޭސީއެލް އިން ވަނީ ހަދިޔާކޮށްފައެވެ. އަދި ހުނަރު ވެހި ތަރައްގީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތައް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ވެސް އެ ކުންފުނިން ވަނީ ފޯރުކޮށްދީފައެވެ.

ހުނަރުވެހި ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއޭސީ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ކަމަށްވުމާއެކު، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް އަވަހަށް އިންޓާންޝިޕް ޕްރޮގްރާމެއް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުނަރު ވެހިފަދަ ދެމެހެއްޓެނިވި ތަޢުލީމީ ބިނާއަކުން، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ދަރިވަރުން އުފެދިގެން ދިޔުމަކީ ކުރާ އުންމީދެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ، ހުރަވީ ސުކޫލުން ޤާއިމުކުރިފަދަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކެއް އެހެން ސްކޫލްތަކުގައި ވެސް ފެށުމަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ސާނަވީ ތަޢުލީމް ޙާސިލްކުރާ ހުރިހާ ދަރިވަރުންނަށްވެސް އެފަދަ ޕްރޮގްރާމްތަކުގެ ފައިދާ ފުރިހަމައަށް ކުރުން ކަމަށް ވިދާޅުވިއެވެ.

ހުނަރު ވެހި ހުޅުމުގެ އިތުރުން، ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރެވުނު އެ ސްކޫލުގެ "ދަސްވެށި" އަދި ލެއިޝަ ރޫމެއްގެ ގޮތައް ގާއިމުކުރި "މަރިޔާދު" ވެސް ވަނީ ހުޅުވާފައެވެ.