ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެ ހަފުލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަން ފާހަގަކުރައްވައި ވިދާޅުވީ، އެއީ މިހާތަނަށް އެހާ ބޮޑު އިސްކަމެއް ދެވިގެން މަސައްކަތް ކުރެވިފައިވާ ދާއިރާއެއް ނޫންކަމަށެވެ. ނަމަވެސް ދިވެހީން މަސް ގަންނާނެ އާ ބާޒާރުތައް ހޯދަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

''އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އެކަމަށްޓަކައި ހަފުތާ ސާދަ ޕްރޮގުރާމްގައި ހިމަނައިގެން ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކުރެވި، އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް، މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި އެކަން ވެގެން ދާނީ، ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެންދާނެ ރަނުގެ ފުރުޞަތަކަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަމަކީ ޤައުމު ބިނާކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ޖިހާދެއްކަމަށް ވިދާޅުވެ، އެމަނިކުފާނު މަސްވެރިންނަށް ވެވަޑައިގަތް ވައުދުފުޅުތަކުގެ މަތީން ހަނދުމަ ނުނެތޭކަމަށް ވިދާޅުވެފައެވެ.