ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކޮށްފިއެވެ.

ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސް އަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް ހަވާލުކޮށް ދެއްވި އިރު، މަގާމުގެ ކުރިއެރުން ދެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ.

Ad
rt

މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްއަކީ އަސްކަރީ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ. މީގެކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ ޢަބްދުއްސައްތާރާއި، ލެފްޓިނެންޓް ޖެނެރަލް އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް (ރިޓަޔަޑް) އަބްދުﷲ ޝަމާލްއެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ޗީފް އޮފް ޑިފެންސްގެ މަގާމަށް ރައީސް މުއިއްޒު އައްޔަން ކުރެއްވެވީ މިދިޔަ މަހުގެ 17 ގައެވެ. ކުރީގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ވަނީ ސިފައިންގޭގައި 37 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރައްވާނީ ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސެވެ. ޗީފް އޮފް ޑިފެންސް ފޯސްއަކީ އެމްއެންޑީއެފް ހިންގުމުގެ އެންމެ އިސް ފަރާތެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޝަމާލެވެ.