މާލެ ސިޓީ ކައުންސިލްގެ ވަލު ދޮރާށިން ވަދެގެން ހިދުމަތް ހޯދުމާއި އެތަނުން ހިދުމަތްތައް ހޯދަން އާދޭސްކުރަން ޖެހުން ނިމުމަކަށް ގެންނަވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިހެން ވިދާޅުވީ، އެ ބައި-އިލެކްޝަންސްގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ފެހި ތަނަވަސް މާލެ" ނަމުގައި ފެށި މިކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި އާޒިމް ދެއްކެވި ވާހަކާގައި ވިދާޅުވީ، ނޭދެވޭ ނާޖައިޒް މަންފާތައް ހޯދަން ދޮރުތައް ހުޅުވިގެން ދަނީ ހާމަކުރަންޖެހޭ ކަންކަން ހާމަނުކުރާތީ ކަމަށެވެ.
އެހެންކަމުން ސިޓީ ކައުންސިލުގެ މޭޔަރަކަށް އިންތިޚާބުވެއްޖެނަމަ ސިޓީ ކައުންސިލް ހިންގަވާނީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ކަމަށް ވިދާޅުވިއެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެސް އެކަމަށް ކަމަށް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލްގެ ކަންކަން ހާމަކުރުމަށް އަހަރަކު މަދުވެގެން 4 ފަހަރު ޓައުންހޯލް ބައްދަލުވުންތައް ބާއްވަވާނެ ކަމަށެވެ. އަދި ކަންކަން ނިންމާނީ އެންމެންގެ މަޝްވަރާއާއެކު ރައްޔިތުންގެ ބައިވެރިވުން އޮވެގެން ކަމަށް ވިދާޅުވިއެވެ.
''ހިދުމަތްތަކަށް އާދޭސްކުރުން އަދި ސަލާންޖެހުން ހުއްޓުވާނަން. ކަސްޓަމާސާވިސް ސިސްޓަމް ގާއިމްކުރާނަން. ވަލު ދޯރާށިން ވަދެގެން ހިދުމަތް ހޯދުން ހުއްޓުވާ ތަނުގެ ވެރިންނަށް ގުޅައިގެން ހިދުމަތްހޯދުމުގެ ސަގާފަތް ނިމުކަކަށް ގެންނާނަން.'' އާޒިމް ވިދާޅުވިއެވެ.
އާޒިމްގެ ވިދާޅުވީ، ވައުދުތަކުގެ ތެރޭގައި މާލޭގެ ބިމުގެ އޮޑިޓެއް ހަދައި ބިން ބޭނުންކުރަނީ އެންމެ ރަނގަޅަށްތޯ ބެލުމާއި ޕާކިން ޖާގަ އަށާއި ޕާކުތަކަށް ބިން ބޭނުންކުރުމާއި، ކުނީގެ މައްސަލަ ހަމައަކަށް އެޅުވުމާއި، އަސާސީ ހިދުމަތް ދޭ ކުންފުނިތަކާ ގުޅިގެން ސިޓީ ކައުންސިލްގެ ހިދުމަތުގެ ފެންވަރު މަތިކުރުން އަދި ޕާކިން އާއި ޓްރެފިކްގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުން ހިމެނެއެވެ.
އާޒިމްގެ ވާހަކާގައި ވަނީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ބިމާއި ފުލެޓް ލިބުނު ފަރާތްތައް މަގުމަތިވިޔަ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!