ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުން އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ރެއާލަށް ވަނީ ކުރިމަތިވެފައެވެ. މިރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރާ މެޗުން ޖިރޯނާ މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނަ ލިބޭނީ ޖިރޯނާއަށެވެ.
މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލާއިރު، އެއްވަނާގައި ރެއާލް އޮތީ 16 މެޗުން ލިބުނު 39 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ޖިރޯނާއަށް 15 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އޮތީ 15 މެޗުން ލިބުނު 34 ޕޮއިންޓާއިއެކު ތާވަލުގެ ތިންވަނާގައެވެ.
ދެ ޓީމްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ރެއާލުންނެވެ. މެޗުގެ 53 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ބެޓިސްގެ އޭރިއާ ތެރެއަށް ޗިޕް ކޮށްލި ބޯޅަ ބެލިންހަމް ވަނީ މެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
މިއީ ރަނގަޅު ފޯމެއްގައި ހުރި ބެލިންހަމް ލީގުގައި ރެއާލަށް ކުޅުނު 14 މެޗުގައި ޖެހި 12 ވަނަ ލަނޑެވެ. މި މެޗުތަކުގައި އޭނާ ވަނީ ދެ ލަނޑު ޖެހުމަށް އެސިސްޓް ކޮށްދީފައެވެ.
ބެޓިސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައެވެ. މި ލަނޑު 66 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރީ ރުއިބަލް އެވެ. މީގެ އިތުރުން ވެސް ދެ ޓީމަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތައް މި މެޗުގައި ލިބިފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލުގެ ކޯޕް އަންޗެލޮޓީ ބުނީ މި މެޗުގައި ދެ ޓީމުން ވެސް ވަރަށް ރަނގަޅަށް ކުޅެފައިވާ ކަމަށާއި، މެޗުގައި ބައިކޮޅަށް ލަނޑު ވަނީ ލީޑުނަގައި މެޗުގެ ކޮންޓްރޯލް ރެއާލުން ހޯދާފައިވަނިކޮށް ކަމަށެވެ. އޭނާ ބުނީ މި މެޗުގެ ނަތީޖާއާއި މެދު ހިތްހަމަ ޖެހޭކަމަށާއި ބެޓިސް އަށް ޕޮއިންޓެއް ހައްގު ކަމަށެވެ. މެޗުގައި ބެޓިސް އިން ޖެހި ހިތްގައުމު ގޯލަށް އަންޗެލޮޓީ ވެސް ވަނީ ތައުރީފް ކޮށްފައެވެ. އަދި އޭނާ ބުނީ ހުރިހާ މެޗަކުން މޮޅުވުމަކީ ވާނެ ކަމެއް ނޫންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!