އާ ސަރުކާރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށް ލަސްވަނީ ކީއްވެގެންތޯ ސުވާލުކުރައްވައި، އެކަމާމެދު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ސުވާލުއުފައްދަވައިފިއެވެ.

ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއަށް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މި ސަރުކާރުން އިންޑިއާއެކުވި އެއްބަސްވުން ހާމަކުރަން ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

Ad
rt

މަޖިލީހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި މި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ ރާއްޖޭގައި ތިބި ކަމަށް ތުހުމަތުކުރާ އިންޑިއާ ސިފައިންގެ ސީދާ އަދަދު ކަށަވަރު ނުވެ، ތަފާތުވުންތަކެއް އަންނަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އެ އަދަދުތައް ހާމަނުކުރުމުން ކަމަށާއި ލިޔެކިޔުންތަކުން އަދަދު އެނގުމާ އެކު މި ސަރުކާރުން ހާމަކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެ މެންބަރުން އެހެން ވިދާޅުވުމުން އެކަމަށް ރައްދުދެއްވައި ޔާސިރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އެކަމާއި ގުޅުވައިގެން އޭރުގެ އިދިކޮޅުން (މިހާރުގެ ސަރަރުކާރަށް ނިސްބަތްވާ ފަރާތްތަކުން) ރިޔާސީ އިންތިޚާބުގައި ވަނީ މުޅި ރާއްޖޭގައި ދޮގުހަދާފައި ކަމަށެވެ. އަދި މިހާރު ވެރިކަން ލިބިފައިވުމާއެކު އޭރު ވެރިކަމަށް އަންނަން ދެއްކި ވާހަކަތައް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ޔާސިރު ވަނީ އެދިވަޑައިގެންފައެވެ.

''އާދެ، އަދި އެކަމާއި ގުޅުވައިގެން ތިބޭފުޅުން މުޅިރާއްޖޭގައި ހެއްދެވި ދޮގުތަކާއި އެކު، ވެރިކަން ތިވަނީ ތިބޭފުޅުންނަށް ލިބިފައި. މިއަދު ވެރިކަމުގައި ހުރިހާބާރެއް އޮތީ ތިބޭފުޅުންގެ އަތުގައި. އިންތިހާބު ތެރޭގައި ވިދާޅުވަމުން އައީ ހާހުން އިންޑިޔާގެ ހަތިޔާރުއެޅި ސިފައިންގެ ރާއްޖޭގައި އެބަތިބިކަމަށް. ގޮތްނޭނގޭ އެތައް އެގްރިމަންޓްތަކެއް އެބަހުރި ކަމަށާއި، އެ ސިޓީ ތަކާއި އެގްރިމެންޓްތައް ހާމަކުރައްވާނެ ކަމަށް.'' ޔާސިރު ވިދާޅުވެފަވެއެވެ.

ޔާސީރު ވިދާޅުވީ، ވެރިކަމަށް ހުވާކުރެވިއްތާ 19 ދުވަސްވެގެން ދިޔައިރު، ރާއްޖޭގައި ތިބި ބެރުގެ ސިފައިންގެ އަދަދު އެންމެ ކުޑަމިނުން ސާފުނުވެގެން އުޅެނީ ކިހިނެއްވެގެންކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

''މިއަދު ކުރެވޭ ސުވާލަކީ، ވެރިކަމަށް ހުވާކުރެވިއްތާ 19 ދުވަސްވެގެން ދިޔައިރު، ރާއްޖޭގައި ތިބި ބެރުގެ ސިފައިންގެ އަދަދު އެންމެ ކުޑަމިނުން ސާފުނުވެގެން، ވިދާޅު ނުވެވިގެން ތިޔައުޅުއްވަނީ ކީއްވެތޯ؟ މިއަދާ ހަމައަށް އެއެގްރިމެންޓްތައް ހާމަ ނުކުރައްވާ ތިޔަތިއްބަވަނީ ކީއްވެތޯ؟ ކޮންބާރެއް އަތުގައި ނެތުމުންތޯ؟'' ޔާސިރު ސުވާލުކުރައްވާފައި ވެއެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް ކަމަކީ ވެސް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމެވެ. އަދި އެކަން ވަނީ މި ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ ޕްލޭންގައި ހިމަނާފައެވެ. މިގޮތުން ވެރިކަމުގެ ފުރަތަމަ ދުވަހު، ސިފައިން އަނބުރާ ގެންދަން އިންޑިއާގައި ދެންނެވިފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އެއަށްފަހު ދުބާއީގައި ކުރިއަށް ދިޔަ މޫސުމާ ބެހޭ ސަމިޓް، ކޮޕް28 ބައްދަލުވުމަށްފަހު 3 ޑިސެމްބަރު 2023ގައި އަނބުރާ ރާއްޖެ ވަޑައިގަތުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ ކޮޕް-28 ހަވާސާގެ ތެރެއިން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ.