ސުޕްރީމް ކޯޓުގައި އިސްލާމީ ޝަރީޢަތް ދަންނަ 1 ބޭފުޅަކު ނަމަވެސް ބެހެއްޓުމަށް ޝައިޙް ހުސައިން ރަޝީދު ގޮވާލައިފިއެވެ.
ހުސައިން ރަޝީދު މިހެން ގޮވާލާފައިވަނީ އިއްޔެ އެބޭފުޅާގެ ފޭސްބުކްގައި ސުޕްރީމް ކޯޓުގެ ޕޮޓޯއެއް ހިމަނުއްވާ ލިއުއްވި ސްޓޭޓަސް އެއްގައެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި މަދުވެގެން އިސްލާމީ ޝަރީޢަތް ދެނެވަޑައިގަންނަވާ 1 ބޭފުޅަކު ހުންނެވުމަކީ ސުޕްރީމް ކޯޓުން ކުރަށްވާ އެންމެ ފަހުގެ ޙުކުމް ފުރިހަމަވެގެން ދާނެ ކަމެއްކަމުގައި ދެކެން. ނޫންނަމަ ރާއްޖޭގެ ސުޕްރިމް ކޯޓުގެ ހައިބަތު ގެއްލިގެން ދާނެ.
ޝައިޙް ހުސައިން ރަޝީދު ބުނެފައިވެއެވެ.
ހުސައިން ރަޝީދު މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ މެދު ލަފާ ދިނުމުގެ ކުރިން، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކުރިން ނިންމި ނިންމުންތަކުގައި އޭނާ ބައިވެރިވެ ވަޑައިގަތްތޯ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.
ޙުސައިން ރަޝީދު އަކީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތް ތެރިވަމުން އަންނަ ޝެއިހެކެވެ. އަންހެނުން ފަނޑިޔާރުކަމަށް ގެނައުމާއި ގުޅޭގޮތުން އެދުވަސްވަރު ވަރަށް ވަކާލާތު ކުރެވި ބޭފުޅެއްވެސްމެއެވެ. އެދުވަސްވަރު އަންހެނުން ފަނޑިޔާރުކަމަށް ގެނައުމާއި ގުޅޭގޮތުން ޝެއިޙް އަލީ ޒައިދުއަށް ރައްދުދެއްވާ ވިދާޅުވެފައިވަނީ
ދިވެހި ރައްޔިތުންނަށް ފަނޑިޔާރުކަން ކުރުމަށް ފުރުޞަތު ދޭށެވެ. އަޚު ޒައިދެވެ! އަޅުގަނޑަށް ރައްދު ދެއްވާކަށް ނުޖެހެއެވެ. އެއީ އަޅުގަނޑު އަދި ދަޢުވާއެއް ކޮށްފަ ނެތެވެ. ދަޢުވާ ކުރެއްވީ ޒައިދެވެ! އަންހެނުންނަށް ފަނޑިޔާރުކަން ކުރުން ހުއްދަ ނުވާނެއޭ ކިޔައިގެންނެވެ. އަޅުގަނޑު ބުނީ ޤުރުއާނާއި ސުއްނަތުން އަންހެނުންނަށް ފަނޑިޔާރުން ނުކުރެވޭނެ ކަމަށް ދަލީލު ހޯއްދަވާފަ ދައްކަވާ ބައްލަވާށެވެ! މިހާރުވެސް މިދައްކަނީ މިވާހަކައެވެ. ވަޑައިގަންވާށެވެ! ލައިވު ޓީވީއަށެެވެ. ފަނޑިޔާރުންނަށް ތިބޭނީ އަންހެނުންނެއް ނޫނެވެ! ދިވެހި ރައްޔިތުންނެވެ. ބަހާނާ ނުދައްކަވާ ފިރިހެނަކަށް ވިއްޔާ ފޫގަޅުއްވައިގެން ވަޑައިގަންނަވާށެވެ.
ކުރިން އަދާލަތު ޕާޓީގެ ރައީސްކަން ކުރެއްވި ހުސައިން ރަޝީދު ސެޕްޓެމްބަރ 7 ވަނަދުވަހު ވިދާޅުވެފައި ވެއެވެ.
އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަން އައްޝައިހް އަލީ ޒައިދު ސާބިތުކޮށްދީފިނަމަ އޭނާގެ ނޯކަރަކަށް ހުންނަން ތައްޔާރު ކަމަށް އައްޝައިހް ހުސައިން ރަޝީދު އަހްމަދު އެއިރުވަނީ ވިދާޅުވެފައެވެ.
ހުސައިން ރަޝީދު ސަރުއީ ދާއިރާއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާއިރު ސަރުއީ ދާއިރާ އިސްލާހުކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު އިއްޔެވަނީ ވިދާޅުވެފައެވެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓްތައް އޮތީ ސިޔާސީ ވެފައި ކަމަށާއި ކޯޓުތަކުން ކޮށްފައި ވަނީ ވެސް ސިޔާސީ މަސައްކަތްތަކެއް ކަމަށެވެ. އެކަމަކު މި ސަރުކާރާ އެކު ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް މިނިވަންކަން މަތީ މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވި އެވެ.
ކޯޓުތައް މިނިވަން ކުރުމުގެ ވައުދު ހާސިލްކުރެވުނެކޭ ނޫން. އެ ވައުދު ހާސިލް ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ލިބިއްޖެސުޕްރީމް ކޯޓުގެ ބެންޗް މިހާރު ވަނީ ބަދަލުކޮށްފަ. އެކަމަކު ޝަރުއީ ދާއިރާގެ މިނިވަންކަމާ އެންމެ ބޮޑަށް ގުޅިފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ވެސް އޮތީ ސިޔާސީ ނުފޫޒު ފޯރާ ގޮތަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗުގައި މިހާރު ތިއްބެވީ މުއުތަސިމާއި ސުއޫދާ އެކު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓަށް މިހާރު މަދު ވަނީ އެންމެ ދެ ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް އައީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!