ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށާއި، އެހެންކަމުން އެހެންބަޔަކު ޕާޓީއެއް އުފައްދުމަކީ އެކަމާމެދު ވިސްނަވާކަމެއްނޫންކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)ގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ މުޝީރުކަން ވެސް ކުރައްވާ އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މި ނޫސްވެރިންގެ ބައްދަލުވުގައި ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރަކަށް ކުރިން ހުންނެވީ ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެއީ ވެސް ޕީޕީއެން/ޕީއެންސީ ފިކުރުގެ ތެރެއިން އުފަންވެގެން އަންނަ ޕާޓީއަކަށް ވާތީ، ރޭ ރައީސް ޑރ. މުޢިއްޒު ވިދާޅުވިފަދައިން މަޖިލީހުގެ ސުޕާ މެޖޯރިޓީ ސަރުކާރަށް ނެގިދާނެތޯ ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އިއްތިހާދު މަސައްކަތް ކުރަނީ މިއަދުގެ ސަރުކާރުން ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދަން ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ފޯރިއާއި ޖޯޝުގައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

''ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް، އެހެންވީމަ އެހެންބަޔަކު ޕާޓީއެއް އުފައްދާތީ، އެހެން ބަޔަކު ކުރިމަތިލާފާނެތީ އަޅުގަނޑުމެން ނުވިސްނަން، އަޅުގަނޑުމެން މި ވިސްނަނީ އަޅުގަނޑުމެން ކޯލިޝަނަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދަން'' އަދުރޭ ވިދާޅުވިއެވެ.

ގޮންޖެހުންތައް ވާންވީ ލިބޭ ހިތްވަރަކަށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދޭނެ: ރައީސް

އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ރޭ ޕީއެންސީގެ އޮފީސް ހުޅުވަން ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޢިއްޒު ވަނީ އެއީ މުހިންމު މުޅިން އައު ފެށުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ގޮންޖެހުންތަކެއް ހުއްޓަސް އެކަމުން ހިތްވަރުލިބިގަނެ، ދެ ޕާޓީއެކުގައި މަސައްކަތްކޮށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދޭނެ ކަމަށް ވިދާޅުވިއެވެ.