ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިމަހުގެ 23 ވަނަ ދުވަހު ބާއްވަން އެ އިއްތިހާދުން ނިންމައިފިއެވެ.
މިކަން ހާމަކުރީ ރޭ ބޭއްވި އެ އިއްތިހާދުގެ ގުޅިފައިވާ ސެނެޓް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ މުޝީރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ.
ގުޅިފައިވާ ސެނެޓްގެ ބައެއް ނިންމުންތައް ހާމަކުރައްވަމުން އަދުރޭ ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެ އިއްތިހާދުގެ ކެންޑިޑޭޓުން ވާދަކުރުމާގުޅޭ އުސޫލެއް ސެނެޓުން އެކުލަވާލައިފައިވާ ކަމަށެވެ.
މި އުސޫލުގެ ދަށުން އެ އިއްތިހާދުގެ ޕްރައިމަރީއަށް ކުރިމަތިލުން 7 ޑިސެމްބަރުން 11 ޑިސެންބަރު 2023 އަށް ހުޅުވާލާނެކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައި ކަމަށް ވެސް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވިގޮތުގައި އެ ޕްރައިމަރީގައި ވަދަކުރެވޭނީ އަދި ވޯޓުލެވޭނީ 10 ޑިސެންބަރު 2023ގެ ނިޔަލަށް އެ އިއްތިހާދުގެ ޕާޓީތަކާއި ގުޅިފައިވާ މެންބަރުންނަށެވެ.
ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ މަޖިލީހުގެ ޕްރައިމަރީއަށް އެ އިއްތިހާދުން ހުޅުވާލަން ނިންމައި، ޕްރައިމަރީގެ ތާރީޚް ކަނޑައެޅިއިރު ރޭ ޕީއެންސީގެ އޮފީސް ހުޅުވަން ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒުވަނީ އެއީ މުހިންމު މުޅިން އައު ފެށުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ގޮންޖެހުންތަކެއް ހުއްޓަސް އެކަމުން ހިތްވަރުލިބިގަނެ، ދެ ޕާޓީއެކުގައި މަސައްކަތްކޮށް މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދޭނެ ކަމަށް ވިދާޅުވިއެވެ.
20 ވަނަ މަޖިލީހުގެ އިންތިޚާބަށް 93 ގޮނޑިއަށް މެންބަރުން އިންތިޚާބުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!