ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް އައްޑޫ ސިޓީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާކަމަށާއި، މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި އޮޕަރޭޝަނަކީ އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގާ ހާއްސަ އޮޕަރޭޝަނެކެވެ.

Ad
rt

މި އޮޕަރޭޝަން ޑިސެމްބަރު 3 ވަނަ ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނުގައި މިހާތަނަށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 19 އަހަރުގެ 2 މީހުންނާއި، 20 އަހަރުގެ 3 މީހުންނާއި، 21 އަހަރުގެ މީހަކާ އަދި 23 އަހަރުގެ 3 މީހުންނެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން 10 މީހުންވެސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި، ހިތަދޫ ސަރަހައްދުގައި ގްރޫޕުތަކުން އެއްވެ އުޅޭ ތަންތަން ފުލުހުން ބަލައި ފާސްކުރަމުންދާއިރު މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފަ ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި، ދަނގަޑުބުރިތަކާއި އެހެނިހެން އާލާތްތައް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަތައް އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.