އަންނަ ޑިސެންބަރު މަހުގެ ސްކޫލް ބަންދަށްފަހު، ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކުވެސް ޤައުމީ ސަލާމުން ސްކޫލުތަކުގެ ކިޔެވުން ފަށާގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، ވަޒީރުންނާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

ރައީސުް ވިދާޅުވި ގޮތުގައި، މިގޮތައް ނިންމެވުމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުމެވެ.

މިގޮތައް ޤައުމީ ސަލާމް ކިޔާން ނިންމާފައި ވަނީ، ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޤައުމިއްޔަތު ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަން ވެސް ފާހަގަ ކުރައްވާފައެވެ.

އިސްލާމްދީނާއި، ޤައުމިއްޔަތާއި، ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްޞަ ޕްރޮގްރާމުތައް ހިންގަންފެށުން އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭން، "ހަފުތާ 14" މަގުޗާޓުގައި ހިމަނާފައިވާ ކަމެކެވެ.