މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕްގެ ނައިބު ލީޑަރު ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު ހޮވައިފިއެވެ.

އިބްރޭ އެ މަގާމަށް ހޮވުނީ މިއަދު އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރު ހޮވުމުގެ އިންތިޚާބުގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި ވާދަކުރައްވައެވެ.

Ad
rt

މިއަދުގެ އެ އިންތިޚާބުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 50 މެންބަރަކު ވޯޓުލާފައި ވެއެވެ.

މިއަދު މެންދުރުފަހު 14:00ގައި ފެށި އެ އިންތިޚާބުގައި، އިބްރޭ އިންތިޚާބު ކާމިޔާބުކުރީ 27 ވޯޓު ހޯދައިގެންނެވެ. އިބްރޭއާއި ވާދަކުރި މެންބަރު ނިހާދަށް 23 ވޯޓު ލިބުނެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް 22 ނޮވެމްބަރު 2023 ގައި އިންތިޚާބު ވުމުންނެވެ.

އެމްޑީޕީ އަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއެވެ. މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ 56 މެންބަރަކު ތިއްބަވައެވެ.