ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އެ ޕާޓީން އާންމުކޮށްފިއެވެ.

2 ޑިސެމްބަރ 2023 ދުވަހު ބޭއްވުނު ޑިމޮކްރެޓިކްސްގެ ފުރަތަމަ ދައުރުގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަމުން އެ ޕާޓީން ބުނީ، ކުރިއަށް އޮތް 7 ދުވަސް ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރެވޭނެ ކަމަށެވެ.

Ad
rt

ދާއިމީ ނަތީޖާ ޢިއުލާން ކުރުމާދެމެދުގައި އިންތިހާބާގުޅޭ ގޮތުން ލިބިފައިވާ ޝަކުވާތައް ބަލަމުން ގެންދާކަމަށް ދަ ޑިމޮކްރެޓިކްސްއިން ބުނެފައިވާއިރު، ވަގުތީ ނަތީޖާއާއި ހަމައަށް ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް ހދ. ނޮޅިވަރަމް ދާއިރާ ރައީސް އިންތިހާބު ބާތިލްކޮށްފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން ޅ. ކުރެންދޫ ދާއިރާގައި ވޯޓް އިންތިޒާމާގުޅޭ ޝަކުވާއަކާ ގުޅިގެން، ކުރެންދޫ ދާއިރާ ރައީސް އިންތިހާބުގެ ނަތީޖާއާމެދު ގޮތެއް ނުނިންމާކަމަށާއި، ބައެއް ފޮށިތަކާގުޅޭ ގޮތުން ހުރި ޝަކުވާ ބަލަމުންދާތީ ވަގުތީ ނަތީޖާގައި އެފޮށިތައް ހިމަނާފައިނުވާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

''ހުށަހެޅި ބަލަމުންދާ އެއްވެސް މައްސަލައަކާގުޅިގެން ނަތީޖާއަށް ބަދަލެއް އަންނަނަމަ، އެއިންތިހާބުގެ ނަތީޖާއާއި މެދު 7 ދުވަސްތެރޭގައި ގޮތް ކަނޑައެޅޭނެ'' ދަ ޑިމޮކްރެޓިކްސްއިން ބުނެފަ ވެއެވެ.

މި އިންތިޚާބުގައި އެ ޕާޓީގެ ފުރަތަމަ ރައީސްގެ މަގާމު އެ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކާމިޔާބު ކުރައްވާފައި ވަނީ ވޯޓު ދިން 54 އިންސައްތަ މެންބަރުންގެ ވޯޓާއެކު 1817 ވޯޓު ހޯއްދަވައިގެންނެވެ. މި މަގާމަށް ދެން ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދަށް 45 އިންސައްތަ، 1497 ވޯޓު ލިބިވަޑައިގަތެވެ.

އެ ޕާޓީގެ ޒުވާނުންގެ ނައިބު ރައީސްގެ މަގާމު މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކާމިޔާބު ކުރެއްވީ 61 އިންސައްތަ، 1971 ވޯޓު ހޯއްދަވައިގެންނެވެ. އަދި ޕާޓީގެ ނައިބު ރައީސް (އަންހެން) މަގާމު އައިޝަތު އަލައިކާ އަދުނާން ކާމިޔާބު ކުރެއްވީ 62 އިންސައްތަ، 2046 ވޯޓު ހޯއްދަވައިގެންނެވެ.

ދަ ޑިމޮކްރެޓިކްސްގެ އެތެރޭގެ އިންތިޚާބުގައި އިންތިޚާބުވި އިތުރު ބައެއް ބޭފުޅުން

  • ވިމެން ޑިމޮކްރެޓްސް ލީޑަރު: ފާތުމަތު ހަމްދާ، 74 އިންސައްތަ، 966 ވޯޓު
  • ޔަންގް ޑިމޮކްރެޓްސް ލީޑަރު: މުހައްމަދު މާސިހު (މާޗީ)، 50 އިންސައްތަ، 420 ވޯޓު
  • ޔަންގް ޑެމް ޑެޕިއުޓީ ލީޑަރު: ފިތުރާ މުހައްމަދު، 53 އިންސައްތަ، 481 ވޯޓު

މިއިންތިހާބުގައި މުޅިރާއްޖޭގައި ޖުމްލަ 108 ވޯޓް ފޮއްޓެއް ބެހެއްޓި، އެ ޕާޓީގެ 32 މަގާމަކަށް 70 ކެނޑިޑޭޓުން ވާދަކޮށްފައިވެއެވެ. މިއިންތިހާބުގައި ޕާޓީގެ މެމްބަރުންގެ ތެރެއިން 3339 މެމްބަރުން ބައިވެރިވެ ވޯޓް ދީފައިވެއެވެ. ޕާޓީގެ 140 ވޮލަންޓިއަރުން 16031 ވޯޓް ކަރުދާސްކޮޅު ދޫކޮށް، 729 ނަތީޖާ ކަރުދާސް އެކުލަވާލާފައިވެއެވެ.

މިއިންތިހާބަށްފަހު ދަ ޑިމޮކްރެޓިކްސް އެކި މަގާމްތަކަށް ކުރިމަތިލާ ހޮވިފައިވާ ކެނޑިޑޭޓުންގެ އަދަދަކީ 308 ކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ އެސެމްބްލީތަކާއި، އަތޮޅު އެސެމްބްލީތަކާއި ގައުމީ އެސެމްބްލީގައި ހިމެނޭ އިތުރު 729 ހުސް މަގާމްތަކަށް ދެން ހުޅުވާލާ އިންތިޒާމްކުރާނީ ޕާޓީގެ ފުރަތަމަ ދައުރުގެ ގުނަންތަކުންނެވެ.

ދަ ޑިމޮކްރެޓިކްސް އިން ވަނީ، ވަގުތީ ނަތީޖާގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 5 ޑިސެމްބަރ 14:00 ހަމައަށް ހުޅުވާލައިފައެވެ.