އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، މަޖިލީހުގެ އިންތިޚާބުގައި ތާއީދު ކުރާނީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓަށް ކަމަށް ހދ. ހިރިމަރަދޫ ކައުންސިލް ރައީސް މުހައްމަދު ވަހީދު (ވައްޑޭ) މިއަދު ވިދާޅުވެއްޖެއެވެ.
ވިދިވިދިގެން ހަތަރު ވަނަ ދައުރު ހިރިމަރަދޫ ރައީސްކަން ކުރައްވަމުންގެންދަވާ ވައްޑޭ މިހެން ވިދާޅުވީ، އޭނާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޓިކެޓްގައި ހަނިމާދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމާފައިވާކަމަށް ބުނެ ''އެމްޑީޕީ ހަނިމާދޫ'' ނަމަކަށް ކިޔާ ފޭސްބުކް ޕޭޖަކުން ޖެހި ސްޓޭޓަސްއަކާއި ގުޅިގެންނެވެ.
ވައްޑޭ ''ތިލަދުން'' އަށް މިއަދު ވިދާޅުވީ، މިފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި އޭނާ ވާދަނުކުރައްވާނެ ކަމަށެވެ. އަދި އޭނާ ހުންނެވީ މި ސަރުކާރާއެކު ''ގަދަކޮށް'' ކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑު ތާއީދު ކުރަނީ ޕީއެންސީން ނުކުންނަ އިދުރީސްއަށް، މިހިރީ މިސަރުކާރާއެކު ގަދަކޮށް ޑރ. މުޢިއްޒުގެ ވެރިކަން ދިފާއުކުރަން ޕީއެންސީގައި'' ވައްޑޭ ވިދާޅުވިއެވެ.
ވައްޑޭ ވިދާޅުވީ، އޭނާ ވާނީ ދާދިފަހުން ޕީއެންސީއަށް ސޮއި ވެސް ކުރައްވާފައެވެ. އަދި ރައީސް މުޢިއްޒަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ، އެކުވެރި ބޭފުޅެއްކަމަށް ވިދާޅުވިއެވެ.
''އަޅުގަނޑުމެން ބުރަކޮށް މަސައްކަތް ކޮށްގެން ގެނައި ވެރިކަން ދިފާއު ކުރުމަށް ވާންޖެހޭ ހުރިހާ ގުރުބާނީއެއްވެސްވާން ތައްޔާރު، އެފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ފިތުނަވެރިކަމުގެ ތެރެއަށް ގެނބިފައި ތިބިބަޔަކު ކުރާ ނާތަހުޒީބު ޢަމަލެއް'' ވައްޑޭ ވިދާޅުވިއެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވައްޑޭ ވިދާޅުވިއިރު، އަންނަ މަހު 20 ގައި އޮންނަ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ޓިކެޓެއް ތިން ބޭފުޅެއް ވާދަކުރައްވާނެކަމަށް މިހާތަނަށް ވަނީ އަޑު ފެތުރިފައެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ހަނިމާދޫ ދާއިރާގެ ސްޓެއަރިން ކޮމެޓީގެ ރައީސް، ރައީސް ޔާމީންގެ ސަރުކާރުގައި ފެނަކައިގެ އެޗްއާާރު މެނޭޖަރުކަން ކުރައްވާފައިވާ އިދުރީސް އަބުދުﷲ އާއި އަހްމަދު އަބުދުލްވާހިދު އަދި އަބުދުﷲ އާދަމެވެ. މި ތިން ބޭފުޅުންނަކީ ވެސް ހަނިމާދޫ ދާއިރާގެ ހަނިމާދޫ އަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.
ހަނިމާދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ ހަނިމާދޫ، ނައިވާދޫ، ފިނޭ އަދި ހިރިމަރަދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!