ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑުތިލަދުންމައްޗަށް އެކަށީގެންވާ ނަފާ ހޯދުމަށް މިހާރުން މިހާރަށް ގެނެވިދާނެ މުހިންމު ބަދަލެއް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ހިއްސާ ކުރައްވައިފިއެވެ.
އާތިފް ވިދާޅުވީ ރާއްޖެއަށް އަންނަ ސުޕަރޔޮޓްތަކަށް ދޫކުރާ ހުއްދައިގެ ތެރެއިން ވަކި އަދަދެއްގެ ކޯޓާ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ހާއްސަކޮށްގެން ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށާއި، މިއީ ވަގުތުން ވަގުތައް ވެސް ގެނެވިދާނެ ބަދަލެއް ކަމަށެވެ.
މިވަގުތުވެސް ރާއްޖޭގައި 100 އަށްވުރެ ގިނަ ބޭރުގެ ސުޕަރޔޮޓް މާލޭ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ މީގެތެރެއިން ބައެއް ބޮޑުތިލަދުންމަތި ކަހަލަ ޓުއަރިޒަމްގެ ސިނާއަތް ނެތް ސަރަހައްދަކަށް ޑައިވާޓް ކޮށްލެވިއޖެނަމަ ސަރަހައްދުގެ ރައްޔިތުންނަށް އިގްތިޞާދީގޮތުން ބޮޑު މަންފާއެއް ހޯދިދާނެ ކަމަށެވެ.
އޭރުން ބޮޑުތިލަދުންމަތީގައި ޔޮޓް ސަޕްލައިގެ ވިޔަފާރިއާއި، ޑައިވިންއާއި، ވޯޓަރސްޕޯޓްސްއާއި، ޔޮޓުތަކުގެ ފިއުލިންއާއި، އެހެނިހެން މުދާ ވިއްކައިގެން ނަފާ ހޯދުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ ކުރިއަރައިގެން ދާނެކަން އާތިފް ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ އިގްތިޞާދު ލާމަރުކަޒުކޮށް، ފަތުރުވެރިކަމުގެ ނަފާ ވީހާވެސް ބޮޑަކަށް މުޅިރާއްޖެއަށް ފެތުރޭނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމަށް އާތިފް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމުމަސައްކަތާބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރާއިއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އާތިފް ވަނީ ކައުންސިލްތައް ހިންގުމުގުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާއި ލާމަރުކަޒުކޮށް ރާއްޖެ ހިންގުމަށް ބޭނުންވާ މުހިންމު ބައެއްކަންކަން ހިއްސާކުރައްވާފައެވެ.
މީގެއިތުރުން ޕަބްލިކްވޯކްސްގެ ވަސީލަތްތައް އިތުރުކޮށްދީ އެތަނުގެ ހިންގުން ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވައިދެއްވައި އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އާތިފްވަނީ މިނިސްޓަރުގެ އަރިހުގައި އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!