ހދ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާހުގައި އަންނަ ހަފްތާގައި ކިޔަވައިދޭން ފަށަން ނިންމައިފިއެވެ.

ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކުލާސް ހިންގުމަށް އެ ކައުންސިލާއި ހދ.ނޮޅިވަރަމް، ގުލްހަޒާރުގެ އައިމިނަތު ހުސެއިންއާއި އެކު މިއަދު ވަނީ އެގްރިމެންޓްގައި ސޮއި ކޮށްފައެވެ.

Ad
rt

ހަނިމާދޫ ކައުންސިލުން މިދިޔަ އޮކްޓޯބަރ މަހު މި ކްލާހަށް ބައިވެރިން ހޯދަން އިއުލާން ކުރިއިރު، އެ ފުރުޞަތުގެ ދަށުން 91 ދަރިވަރުން ވަނީ ކްލާހުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާފައެވެ.

ޤްރުއާން ކްލާސް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ އަންނަ ހަފްތާގައި ކްލާހުގައި ކިޔަވައިދޭން ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި، އުންމީދަކީ ކްލާސްތައް ފެށުމުގެ ކުރިން ފޯމް ހުށަހެޅި ހުރިހާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާއިއެކު މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުން ކަމަށެވެ.

މި ކްލާހުގައި ބައިވެރިން އަތުން މަހު ފީއެއްގެ ގޮތުގައި ނެގުމަށް ކައުންސިލުން ނިންމާފައި ވަނީ 200 (ދުއިސައްތަ) ރުފިޔާއެވެ.

މިއީ ހަނިމާދޫ ކައުންސިލުން 552،000 (ފަސްލައްކަ ފަންސާސް ދެހާސް) ރުފިޔާ ހަރަދުކޮށްގެން ދެއަހަރު ދުވަހަށް ހިންގަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

މި ކްލާސް ހިންގުމުގެ މަގުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ޤުރުއާނުގެ އިލްމު ކުރިއަރުވައި އެކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމެވެ.