ރާއްޖޭން ބޭރުގެ އެކި ޤައުމުތަކުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގައި ދިވެހިންނަށް ދިވެހި، އިސްލާމް މާއްދާ ކިޔަވައިދޭން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޔުނައިޓެޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ޤައުމިއްޔަތު ދިރުވައި އާލާކުރުމެވެ. އަދި މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އިސްލާމްދީނުގައި ހުރިކަންކަން ދަސްކޮށްދީ، އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް، ހަރުދަނާ އަޤީދާއެއް ޤައިމުކޮށްދިނުމާއެކު، އާންމުކޮށް މި އޮންނަ ކޮންސިއުލަރ މަސައްކަތްތަކުގެ އިތުރަށް ދިވެހިބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާއާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށްގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްލަގޮތެއްގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިންތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު އަންނަން އޮތް ޖީލުތަކަށް ދިވެހިވަންތަކަން ވާސިލްކޮށްދެއްވުމުގައި ދިވެހި ރައްޔިތުން ފަޚުރުވެރިވާފަދަ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު ޔޫއޭއީ އަށް ވަޑައިގެންފައި ވަނީ މިއަދު އެ ޤައުމުގައި ފެށުމަށް ހަމަޖެހިފައިވާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.