ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއްކަމަށްވާ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރު އިން އުފައްދާ ހުރިހާ އުފެއްދުމެއް ރާއްޖޭގައި މަނާކޮށްފިއެވެ.

މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ، ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއްކަމަށްވާ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރު އިން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ފެނިފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ދުނިޔޭގެ އެކިގައުމު ތަކުން ވެސް އެ ކުންފުނީގެ ބޭސްތަކުން ކެމިކަލްގެ އެ މާއްދާ ފެނިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. އެހެންވެ އެ އޮތޯރިޓީން ވަނީ އެ ކުންފުނި ރާއްޖޭގައި ވަގުތީ ގޮތުން މަނާކޮށްފައެވެ.

''ވީމާ، ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރުގެ އެއްވެސް އުފެއްދުމެއް މި އޮތޯރިޓީން ވަކިގޮތެއް އަންގަން ދިވެހިރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކަމެއްކަމުގައި އަންގާ އަންގާ ޢިއުލާން ކުރަމެވެ.'' އެމްއެފްޑީއޭ އިން ބުނެފަ ވެއެވެ.

އެކަން އަންގައި އެމްއެފްޑީއޭއިން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މިހާރު ހުއްދަކުރެވިފައިވާ ބޭސްތަކުގެ ލިސްޓު (ރާއްޖެ އެތެރެކޮށް، ވިއްކުމުގެ ހުއްދަ އޮންނަ) އެކުންފުނީގެ ބޭސް ލިސްޓު ވެސް ހިމަނާފައެވެ. އެ ލިސްޓުގައި 27 ބޭހެއް ހިމެނެއެވެ.

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.