ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) މަގާމުންނާއި ޕާޓީން އިސްތިއުފާ ދެއްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އާ މިއަދު ގުޅިވަޑައިގެންފިއެވެ.
ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ޝިފާގް ވިދާޅުވީ އޭނާ ޕާޓީން ވަކިވެވަޑައިގަތީ ޕީއެންސީގެ ތެރޭގައި ކަންކަން ހިނގަމުންދާ އުސޫލާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށެވެ. އަދި ދިވެހިންގެ ރާއްޖެ އަށް ދެވޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މަނިކުފާނާއި އަޅުގަނޑު ނިސްބަތްވާ ޕާޓީ ހިނގާ މަގަކީ ހައްދުންމަތިން އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވައި، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެމްބަރުންގެ މޫނަށް ހައްޕުނޑު ބުރުވުމުގެ ނޭއްގާނީ އުސޫލު،" ޝިފާގްގެ ސިޓީގައިވެއެވެ.
ޝިފާގް އެ އިޝާރަތް ކުރެއްވެވީ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އަށް ކަމަށް ބެލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރުކަމާއި އެޗްއާރުސީއެމްގެ މެމްބަރު ކަން ވެސް ކުރެއްވެވި ޝިފާގް ގަބޫލުކުރައްވަނީ، މި ހާލަތުގައި ޕާޓީގެ މެމްބަރުންގެ މާޔޫސްކަން ފިލުވައިގެން ދިވެހިން އެދޭ މަގަށް ގައުމު ނުގެންދެވޭނެ ކަމަށެވެ.
ޕީއެންސީ ދޫކޮށްލެއްވުމަށް ފަހު ޝިފާގު ޕީއެންއެފްއާ ގުޅިވަޑައިގެންފައިވާ ކަން އެ ޕާޓީން ބުނެއެވެ.
ރައީސް މުއިއްޒު އާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް، ރައީސް ޔާމީން އާ ފެއަށް ޖެހިވަޑައިގެން ކަމަށް ވިދާޅުވެ ޔާމީން އިސްކޮށް ހުންނަވައި ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ޕާޓީން މަސައްކަތް ކުރަނީ ވީ އެންމެ 3،000 މެމްބަރުން ހަމަ ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!