ޕާކިސްތާނު ކުންފުންޏަކުން އުފައްދާ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވާގޮތުން ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއްކަމަށްވާ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރު އިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަކީ މަނާ ކަމެކެވެ.

Ad
rt

އެ އޮތޯރިޓީން ބުނީ، ޕާކިސްތާންގެ އެ ކުންފުނިން އުފައްދާ ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް އެ ގައުމުގެ ބޭސް ރެގިއުލޭޓަރީ އޮތޯރިިޓީން އަންގާފަ ވާކަމަށެވެ. އަދި ރާއްޖޭގެ މާކެޓްގައި ހުރި މި ކުންފުނީގެ ދެ ބޭހަކުން މި ކެމިކަލް ފެނުމުން މިހާރު އެ ބޭސްތައް މަނާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރު އިން އުފައްދާ ދިޔާ ބޭސްތަކުން ވެސް މި މައްސަލަ ފާހަގަކުރެވިފައިވުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ދިވެހިރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވާކަމަށް އެމްއެފްޑީއޭ އިން ބުނެފަވެއެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭސް ލިސްޓްގައި ހިމެނޭ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރުން އުފައްދާ ދިޔާ ބޭސްތައް ބޭސްފިހާރަތަކުން ނަގައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ބޭސް ލިސްޓްގައި ހިމެނޭ އެ ކުންފުނީގެ ދިޔާ ބޭސްތައް

އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ބޭސް ލިސްޓްގައި ހިމެނޭ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީސް ކުންފުނީގެ ދިޔާ ބޭސްތައް، މި ބޭސްތައް ބޭސްފިހާރަތަކުން ނަގައި އުސޫލާއެއްގޮތައް ނައްތާލަން އެމްއެފްޑީއޭ އިން ވަނީ އަންގާފައި

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.

ކެމިކަލް ފެނިގެން މީގެ ކުރިން ރާއްޖޭގައި މަނާކޮށްފައިވާ ޕާކިސްތާނުގެ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް، ލާހޯރުގެ ދެ ބޭހަކީ، ކެއްސުމާއި ހުމުގެ ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހެއްކަމަށްވާ ސިޓްރިޒަން އޯރަލް ލިކުއިޑް 5އެމްޖީ/5އެމްއެލް ގެ ބްރޭންޑެއް ކަމަށްވާ Alergo އަދި ހޮޑު ބޭހެއް ކަމަށްވާ ''އެމިޑޯން ސަސްޕެންޝަން' އެވެ.