ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިއްޖެއެވެ.
ޕީއެންއެފްގެ މުއައްސިސްއަކީ ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ މުއައްސިސެއްގެ ގޮތުގައި ޔާމީން ވެވަޑައިގަތުމުގެ ފުރުސަތެއް ނެތެވެ.
ޔާމީންގެ އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ތިއްބެވީ ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.
އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރާ ހުރިހާ އެންމެން ޕީއެންއެފްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ. ޕާޓީ އުފެއްދުމަށްޓަކައި އީސީގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
އަދި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއެކު، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑު މުގުރާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އެމަނިކުފާނު ވަރަށް ލޯބިވާ ޕީޕީއެމް ބަޔަކު ފޭރިގެންފައިވާތީ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ދިވެހި ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް މިވަގުތު އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.
"ފާއިތުވެދިޔަ ފަސް އަހަރެއްހާ ދުވަސް ތެރޭގައި އެމަނިކުފާނަށް އެކި ގޮތް ގޮތުން ވަރަށް ބޮޑެތި ގޯނާތައް ކުރަމުން ދަނީ. އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް އެމަނިކުފާނަށް ކުރިމަތިވެގެން ގޮސްފައި ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ބޭ އިންސާފު ޝަރީއަތުގެ ސަބަބުން ކަން ފާހަގަކޮށްލަން. އެކަމުގެ ސަބަބުން އެމަނިކުފާނުގެ އިންތިހާބީ ހައްގު ވަނީ ގެއްލިފައި. އަދި އެމަނިކުފާނުގެ ޕާޓީ މި ވަނީ ބަޔަކު އެމަނިކުފާނުގެ އަތުން ވަގަށް ނަގާފައި،" މަލީހް ވިދާޅުވިއެވެ.
ޔާމީން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑާޝިޕުން ޕާޓީގެ މަސައްކަތަށް އެމަނިކުފާނަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާކަމަށް ހާމަކުރެއްވުމަށް ފަހުއެވެ. ޔާމީން އަލަށް އުފައްދަން ނިންމާފައިވާ ޕާޓީގެ ރަސްމީ ''އެކްސް'' ހޭންޑް އާންމުކޮށްފައިވާ އިރު، ޕާޓީގެ ރަސްމީ ކުލައެއް ކަމަށް ކަނޑައަޅާފައި ވަނީ ދަނބު ކުލައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!