އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ ދެ ޕާޓީ ވާދަކުރާނީ ގުޅިގެން ކަމަށް އެ އިއްތިހާދުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެނެޓުން ރޭ ނިންމައިފިއެވެ.
މިހާރުގެ ވެރިކަމުގައި އޮތް ޕްރޮގްރެސިވް އިއްތިހާދުގެ އަނެއް ޕާޓީ އަކީ، ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. އެއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިހާރު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެވެ. އެ ޕާޓީގެ ރައީސް އަކީ ވެސް ރައީސް ޑރ. މުޢިއްޒެވެ.
ޕީޕީއެމްގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ބުރާސްފަތި ދުވަހުގެ ރޭ (23 ނޮވެމްނަރު 2023) ވަނީ ޕީޕީއެމުން ވަކިވެވަޑައިގަތް ވަނީ ޢިއުލާން ކުރައްވާފައެވެ. ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވާފައި ވަނިކޮށް ޕީޕީއެމުން ރޭ ވަނީ އެ ޕާޓީގެ ސެނެޓްގެ ބައްދަލުވުމެއް ކުރިއަށް ގެންދަވާފައެވެ.
އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ދިފާއީ ވަޒީރު މުހައްމަދު ޤައްސާނު މައުމޫނާއި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ވަނީ ޕީޕީއެމް/ޕީއެންސީން ގުޅިގެން މަޖިލީހުގެ 2024 ވަނަ އިންތިޚާބުގައި ވާދަކުރަން ފާސްކޮށްފައެވެ.
''ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ސެނެޓްގެ އިއްތިފާޤުން ވަނީ ފާސްކޮށްފައި. އަދި ދެންހުރި ކަންކަން ނިންމާނީ ދެޕާޓީގެ ޖޮއިންޓް ސެނެޓުން ކަމަށްވެސް ވަނީ ނިންމާފައި'' އެ ބައްދަލުވުމަށްފަހު ޕީޕީއެމުން ބުނެފަ ވެއެވެ.
ޕީޕީއެމްގެ މި ނިންމުމާއެކު ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ ދެ ޕާޓީ ދެން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނީ އެކީގައެވެ. އެ އިންތިޚާބުން 70 ވަރަކަށް ގޮނޑި ހޯދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!