ފަސްއެނބުރި ބެލުމެއް ނެތި ޕީޕީއެމް/ޕީއެންސީ ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ އެންމެ ފުރަތަމަ ގައުމު އިސް ކުރާ ދެ ޕާޓީ ކަމަށެވެ. އަދި އެ ދެ ޕާޓީ އޮތީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް މުއިއްޒާއެކު ފިސާރި ސާބިތުވެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މާތް ﷲ ގެ ވާގިފުޅާ އެކު ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެގެން ދާނީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސް އެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް މުއިއްޒާ އެކުގައި ސާބިތުވެ ތިއްބެވުމަކީ ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކަށް ވުރެ މި ގައުމު މާ ބޮޑު،" އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ލީޑަޝިޕާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދެމެދު ހިޔާލު ތަފާތުވުން ބޮޑުވެ، ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. ޕީޕީއެމުން ވަކިވެވަޑައިގެން އެމަނިކުފާނު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްޕުޅު ފައްޓަވައި ޕާޓީ އަށް ކިޔާނެ ނަމަކާއި ލޯގޯ އާއި އަސާސީ ގަވައިދު އެކުލަވާލައްވައިފައެވެ.
ޔާމީން ފަހަތްޕުޅުގައި މިވަގުތު އެންމެ އިސްކޮށް ތިއްބެވީ އެމަނިކުފާނުގެ އެންމެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ވަޒީރު އަދި ޖަމީލަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު މަލީހް ޖަމާލެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ އާ ޕާޓީ އުފެއްދުމާ ގުޅޭ ވާހަކަތައް ޔާމީންގެ ފަރާތްޕުޅުން މީޑިއާގައި ދައްކަވަނީ ޖަމީލާއި މަލީހެވެ.
ޖަމީލް ވިދާޅުވިގޮތުގައި ޔާމީން އެގޮތައް ނިންމެވި މައިގަނޑު ސަބަބަކީ، ޕީޕީއެމްގެ ލީޑާޝިޕް އެމަނިކުފާނާ ފެޔައްޖެހި، ޕާޓީގެ މަސައްކަތުގައި އެ މަނިކުފާނާއެކު އުޅުއްވަން ބޭނުންފުޅުވުމާއި، އެ ބޭފުޅުންގެ އެއްބާރުލުން އެއްވެސް ވަރަކަށް ނުދެއްވުމެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ރައްޔިތުން ޔާމީންގެ ޕާޓީ އަށް ވޯޓު ދެއްވަން ބޭނުންވާތީ އެ ފުރުސަތު ހޯދައިދެއްވުމަށް އާ ޕާޓީއެއްގެ މަސައްކަތް ފެއްޓެވީ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޔާމީން މިހާރު ވަނީ ޕީޕީއެމްގެ ރަސްމީ ގްރޫޕްތަކުން ވެސް ނުކުމެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!