ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގަމުން އަންނަ ތިން ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން ޢައްޔަނުކޮށްފިއެވެ.
އެސްޓީއޯ އިން ބުނިގޮތުގައި އެ ކުންފުނީގެ ދަށުން ހިނގަމުން އަންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް އިސްމާއީލް ސުހައިލް ވަނީ ޢައްޔަނުކޮށްފައެވެ. ސުހައިލް އަކީ ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ސިޔާސީ މަގާމެއް ފުރުއްވި ބޭފުޅެކެވެ. ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ސުހައިލް ވަނީ ރ. އަތޮޅު ކައުންސިލްގެ މެންބަރުކަމާއި ބައެއް އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރައްވާފައެވެ.
މޯލްޑިވް ގޭހަށް ޢައްޔަނު ކުރެއްވި މެނޭޖިން ޑިރެކްޓަރު، އަބުދުﷲ މުޙައްމަދު (މަދަނީ ޢަބުދުﷲ) އަކީ ވެސް ޔާމީން ސަރުކާރުގަ އާއި ވަހީދު ސަރުކާރުގައި ނައިބު ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރަކަށް ޢައްޔަނުކޮށްފައި ވަނީ އަހްމަދު ސަމާހް ރަޝީދެވެ.
އެސްޓީއޯ ގްރޫޕްގެ ޗީފް އެގްޒެކްޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރު އަކަށް ސިމާދު އިބްރާހީމް ޢައްޔަނުކޮށްފައިވާއިރު، އެ ކުންފުނީގެ ދަށުގެ އަދި ވެރިން ޢައްޔަނުކުރިކަން ރަސްމީކޮށް ހާމަނުކުރާ ބައެއް ކުންފުނިތައް އެބަހުއްޓެވެ.
އޭގެ ތެރޭގައި އެލައިޑް އިންޝުއަރެންސާއި އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!