ދިވެހިން އިމުގާ ފޯމް ފުރަން ނުޖެހޭ ގޮތް ހަދައިފި

Shammoon

ރާއްޖެ އިން ބޭރަށް ދަތުރު ކުރާ ދިވެހިންނާއި ރާއްޖެ އަންނަ ދިވެހިންނަށް "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިއަދު ހަމަޖައްސަވައިފިއެވެ.

އެގޮތަށް ނިންމި ނަމަވެސް ރާއްޖެ އަންނަ އަދި ރާއްޖެ އިން ބޭރަށްދާ ފަތުރުވެރިންނާއި ބިދޭސީން އަދިވެސް އިމުގާ ފޯމް ފުރަން ޖެހޭނެއެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަމްއާން ރަސްމީކޮށް މިއަދު ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ވަނީ އާންމުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ.

އެގޮތުން، ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްޓަކައި، މިއަދުން ފެށިގެން އިމުގާ ފޯމް ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރިހަމަކުރަން ނުޖެހޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އިމިގްރޭޝަނުން ބުނީ ޓްރެވެލާ ޑެކްލެރޭޝަން ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ނިންމެވީ މި ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައި ވާތީ ކަމަށެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަބަދުވެސް ހިދުމަތް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުންކަމަށް އެ ބަޔާނުގައިވެއެވެ.

އިމުގާ ފޯމު ތައާރަފުކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ހިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެގޮތުން ޖުލައި 15، 2020 ގައި މި ފޯމް ތައާރަފް ކުރިއިރު، އޮންލައިންކޮށް ފޯމް ފުރޭނެ ގޮތް ތައާރަފް ކުރީ މާޗު 14، 2021 އިން ފެށިގެންނެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި