ފްލެޓު ލިބުނު މީހުންގެ ލިސްޓް ރިވިއު ކުރަން ނިންމައިފި

IMG_2567

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި ފްލެޓުތައް ރިވިއު ކުރަން ނިންމާފައިވާ ކަމަށް މި ސަރުކާރުގެ މިނިސްޓާ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި ކުރީ ސަރުކާރުން އާންމު ކުރިއިރު، އެ ލިސްޓު ނެރުނީ ބޭއިންސާފުން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އެ މައްސަލަ ބެލިއެވެ. އެ މައްސަލައިގައި އޭސީސީން ފުރަތަމަ އެންގީ ޝަކުވާ ހުށަހެޅުމުގެ އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު އަދި އެ ޝަކުވާތައް ނުބަލައި ފްލެޓުތައް ދޫ ނުކުރުމަށެވެ. އޭސީސީން ފަހުން ވަނީ ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލަން ވެސް އަންގައިފައެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 4،000 ފްލެޓަށް، 20,697 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވިއެވެ. "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ލިޔުމެއް ދިނުމަށެވެ. އަދި އެ ލިޔުން 9،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ބުނެފައިވެއެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގައި ހައިދަރު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދެމެދު ދޫކޮށްފައިވާ ފްލެޓްތައް ދީފައިވަނީ ހައްގުވެރިންނަށްތޯ ބަލާނެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ފްލެޓާއި ގޯތި ދޫކުރުން މަޑުޖައްސާލަން އެދިވަޑައިގަތުމުން ވެސް ފްލެޓު ދީފައިވާ ކަން ހައިދަރު ފާހަގަ ކުރެއްވިއެވެ.

"ރިޔާސީ އިންތިހާބައި ފުރަތަމަ ބުރޭ ދޭތެރޭ ދޫކޮށްފައިވާ ފްލެޓުތައް, އެ ފްލެޓުތައް އަޅުގަނޑުމެން ރިވިއު ކުރާނަން އެ [ފްލެޓު] ލިބިފައި އޮތީ ހައްގު ބަޔަކަށްތޯ ނޫންތޯ." ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ ރައީސް މުއިއްޒު އެދިވަޑައިގަތް ފަހުން ދޫކޮށްފައި ހުރި އެއްވެސް ބިމެއް ނުވަތަ ފްލެޓެއް ގެދޮރުވެރިކުރުމަށާއި ބޯހިޔާވަހިކަމަށް ދޫކޮށްފައި ހުރި އެއްވެސް ފްލެޓަކަށް މި ސަރުކާރުން އިހްތިރާމް ނުކުރާނެ ކަމަށެވެ.

ކުރީ ސަރުކާރުން ވަނީ މި ފްލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހޭ ކުއްޔަކީ 7000ރ. އާއި މަރާމާތު ފީއަށް 1000ރ. ހިމެނޭހެން 8000ރ. ކަމަށް ކަނޑައަޅައިފައެވެ. އަދި ދެ ކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހެނީ ކުލީގެ ގޮތުގައި 5000ރ. އާއި މަރާމާތު ފީ 1000ރ. ހިމަނައިގެން 6000ރ. ކަމަށް ކަނޑައަޅާފައިވެއެވެ.

ކުލި ދައްކަން ފަށަން ޖެހެނީ ފްލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހަށް ފަހުއެވެ. އަދި ކުލި ދައްކަން ޖެހެނީ 300 މަހަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *