ފަލަސްތީނުގެ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް، ޝިފާ ހޮސްޕިޓަލުގައި ތިބި އެންމެން ނުކުންނަން އިސްރާއީލުން އިންޒާރު ދީފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޝިފާ ހޮސްޕިޓަލްގެ ތެރޭގައި ޒަހަމްވެގެންނާއި ބަލިވެގެން ގެނެސް ތިބި މީހުންގެ އަދަދު 650 އަށް ވުރެ މައްޗަށް އަރައެވެ. އަދި ރެފިއުޖީންގެ ގޮތުގައި ހޮސްޕިޓަލުގެ ތެރޭގައި އާއި ގޯތިތެރޭގައި ހިޔާވަހިކަން ހޯދަމުން އަންނަ މީހުންގެ އަދަދު 7،000 އަށް ވުރެ މައްޗަށް އަރައެވެ. އިސްރާއީލް ސިފައިން އެއްގަމު މަގުން ޣައްޒާ އަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގައި މައިގަނޑު އަމާޒަކީ ވެސް މިހާރު ޝިފާ ހޮސްޕިޓަލަށް ގެއްލުންދީ، އެ ތަން ސުންނާފަތިކޮށްލުމެވެ.

Ad
rt

އިސްރާއީލުން މިހާރު ވަނީ ޝިފާ ހޮސްޕިޓަލް ހިސޯރުކޮށްގެން، އެ ތަން ބަލައި ފާސް ކުރަމުންނެވެ. އަނެއްކޮޅުން ޝިފާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ހިތްވަރުގަދަ މުޖާހިދުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.

ޝިފާ ހޮސްޕިޓަލްގެ ތެރޭގައި ތިބި ސިއްހީ ހިދުމަތްތެރިންނާ ހަވާލާދީ އަލް-ޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލް ސިފައިން ވަނީ ޑޮކްޓަރުންނާއި ބަލި މީހުންނާއި ހިޔާވަހިކަން ހޯދަމުން އަންނަ މީހުން ޣައްޒާ ހޮސްޕިޓަލުން ނުކުންނަން އަންގައިފައެވެ. އަދި އެކަން ކުރަން އެއް ގަޑިއިރުގެ މުހުލަތެއް ދިން ކަމަށްވެއެވެ. ބައެއް މީހުންނާ ދިމާލަށް ބަޑި ދިއްކޮށްފައި އެ ހޮސްޕިޓަލުން ނުކުންނަން އަންގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެކަމަކު، އިސްރާއީލްގެ އަސްކަރިއްޔާ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެކަން ދޮގުކޮށް، ޝިފާ ހޮސްޕިޓަލުން އެއްވެސް މީހަކު ނުކުންނަން އަންގާފައި ނުވާ ކަމަށް ބުނެފައެވެ. އަދި ހޮސްޕިޓަލް ދޫކޮށް ދާން ބޭނުންވާ މީހުން މިނިވަންކަމާ އެކު އެ ހޮސްޕިޓަލުން ނުކުތުމުގެ ފުރުސަތު އޮތް ކަމަށް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒަގޫތު ވިދާޅުވީ އިސްރާއީލުން ހަދަނީ ދޮގެއް ކަމަށެވެ. އަދި ބައެއް މީހުން މަޖުބޫރުން ހޮސްޕިޓަލުން ނުކުންނަން އަންގާފައި ވަނީ އެމީހުންނާ ދިމާލަށް ބަޑި ދިއްކުރުމަށް ފަހުގައި ކަމަށް ވެސް ޒަގޫތު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގައި ތިބި މީހުންގެ ތެރޭގައި ހާލު ވަރަށް ސީރިއަސް މީހުންނާއި އަލަށް އުފަންވެފައިވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއް ގަޑިއިރު ތެރޭގައި ހޮސްޕިޓަލް ހުސް ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލް ސިފައިން ޣައްޒާގެ ޝިފާ ހޮސްޕިޓަލް ހިސޯރުކޮށްފައި އޮންނަތާ ދުވަސްކޮޅެއްވެއްޖެއެވެ.

"މިކަމުގެ ސަބަބުން ބިރުވެރިކަމާއި ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް ވެރިވެފައި." ޣައްޒާގައި ހުރި އަލް-ޖަޒީރާގެ ނޫސްވެރިޔާ ޔުމްނާ އަލް ސައީދު ކިޔައި ދިނެވެ.

"އެމީހުންގެ އަތުގައި ނެތް އެމްބިއުލާންސްތަކެއް ވެސް ބަލި މީހުންނާއި ދުވަސްނުފުރާ ވިހެއި ކުޑަކުދިން ދެކުނަށް (ޣައްޒާގެ) ގެންދިއުމަށް،"

ޝިފާ ހޮސްޕިޓަލްގައި ތިބި ކުޑަކުދިންގެ ތެރެއިން ދުވަސް ނުފުރާ ވިހެއި ކުޑަކުދިން ތިބި އަދަދު ވެސް 39 އަށް އަރައެވެ. ކަރަންޓާއި އޮކްސިޖަންގެ ދަތިކަމުގެ ސަބަބުން އެ ކުދިން މިހާރު ވަނީ އިންކިއުބޭޓަރުން ނަގައިފައެވެ. މީގެތެރެއިން ހަތަރު ކުޑަކުދިން މިހާތަނަށް އައިއިރު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 12،000 އަށް އަރައިފައެވެ.