ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލު ކުރި ދެވަނަ ޖަލްސާ ވެސް ކުރިއަށް ނުގެންގޮސް ނިންމާލައިފިއެވެ.
މި މައްސަލަ ފުރަތަމަ ތާވަލު ކުރި ޖަލްސާ ފެށީ ހެނދުނު 9:00 ގައެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެ މައްސަލަ ސާފުނުވާކަމަށް ޑިމޮކްރެޓުގެ މެންބަރު އަލީ އާޒިމް އެ ޖަލްސާގައި ނެންގެވި ނިޒާމީ ނުކުތާ ބަލައިގަނެ، ރިޔާސަތުން ހަސަން އަފީފު ވަނީ ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު އޮތީ ރަނގަޅަށް ނޫންކަމަށް ނިންމައި އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ވިދާޅުވެފައެވެ. އަދި އެއަށްފަހު އެ ޖަލްސާ ނިންމާލެއްވިކަން ޢިއުލާން ކުރެއްވީ އެވެ.
ނަޝީދުގެ އިތުބާރުގެ ގަރާރު ތާވަލުކުރި ފުރަތަމަ ޖަލްސާ ނިންމާލާފައި ވަނިކޮށް ދެވަނަ ޖަލްސާ އަކަށް އެ މައްސަލަ ތާވަލުކޮށް ޖަލްސާ ފެށީ ހެނދުނު 11:30 ގައެވެ.
އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ، މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ. ޖަލްސާ ފެއްޓެވުމަށްފަހު އީވާ ވަނީ ފުރަތަމަ ޖަލްސާގައި ހަސަން އަފީފު ނިންމެވި ނިންމެވުމުގެ ވާހަކަ ވިދާޅުވެ، އެ ނިންމުން އެހެން އޮތުމާއެކު އެ މައްސަލަ އިތުރަށް މަޖިލީހުގައި ދެން ކުރިއަށް ގެންދެވޭނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ޖަލްސާގެ އެޖެންޑާއަށް ނުގޮސް ކުޑަ ހިނދުކޮޅެއްތެރޭގައި އެ ޖަލްސާ ވެސް ނިންމަވާ ލެއްވީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!