ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދު އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފިއެވެ.
މި ޖަލްސާގެ އެހެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓަށް ލާފައިވާއިރު، ޖަލްސާ ފަށަން ނިންމާފައި އޮތީ 11:30 ގައެވެ.
މި މައްސަލަ ކުރިއަށް ގެންދަން ހެނދުނު ތާވަލުކުރި ޖަލްސާ ރިޔާސަތުގައި އިންނެވި ޑިމޮކްރެޓްސްގެ މެންބަރު، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ މައްސަލަ ހުށަހެޅި ގަރާރު އޮތީ ރަނގަޅަށް ނޫންކަމަށް ނިންމައި ޖަލްސާ ނިންމާލައްވާފައެވެ. އަދި އެ މައްސަލަ އަލުން ޖެހޭނީ ހުށަހަޅަން ކަމަށް ވެސް ވިދާޅުވިއެވެ.
މިވަގުތު މަޖިލިސް ކުރާ ގޭގައި ހުންނެވި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރަކު ''ތިލަދުން'' އަށް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުން މަސައްކަތް އެޖެންޑާކުރެވި ކުރިއަށްދާ ޖަލްސާއެއްގައި އޮތް މައްސަލައަކަށް ތަޅުމުން ގޮތް ނުނިންމާ ރިޔާސަތަށް ގޮތް ކަނޑަނޭޅޭނެ ކަމަށާއި، ޖަލްސާ އެއް ނިންމާލެވިދާނެ ހާލަތްތަކާއި، އެފަދަ މައްސަލައެއް ބޭރުކޮށްލެވޭނެ ގޮތް ވެސް ގަވާއިދުގައި އޮންނަ ކަމަށެވެ. އަދި މިއަދު އަފީފު ޢަމަލު ކުރެއްވީ މަޖިލީހުގެ ގަވާއިދު ތަންދޭ އިމުގެ ތެރެއިން ނޫންކަމަށް ވެސް ވިދާޅުވިއެވެ.
ގަރާރު ރަނގަޅުނޫންކަމަށް ނިންމައި ނަޝީދުގެ އިތުބާރުގެ މައްސަލަ ބޭރުކޮށްލައިފި
''މަޖިލީހުގެ އިދާރާއިން އެއްބަސްވޭ ދެ ނޫނީ ތިން ޖަލްސާ ބާއްވައިގެން ވެސް މައްސަލަ ކުރިއަށް ގެންދަން، ސިޔާސީ ޕާޓީތަކާއި ވާހަަކަ ދައްކައިގެން މިއަދު އިތުރު ޖަލްސާ ކުރިއަށް ގެންދާނެ'' އެ މެންބަރު ވިދާޅުވިއެވެ.
އެ މެންބަރު ވިދާޅުވީ، މަޖިލީހުން ޢަމަލުކުރަންވީ ގޮތް ގަވާއިދުގައި ވަރަށް ސާފު ކަމަށާއި، އެއީ ހިތުހުރި ގޮތަކަށް މާނަކުރަން އޮތް އެއްޗެއް ނޫންކަމަށެވެ. އަދި މިއަދު ހަސަން އަފީފު ރިޔާސަތު ބެލެހެއްޓުމަކީ މަސްލަހަތު ފުށޫއަރާކަމެއް ކަމަށާއި، ނަމަވެސް އެމްޑީޕީން މަސްލަހަތު އިސްކުރަން ބޭނުންވާތީ، އެކަމަށް ވެސް ދޫދީގެން ތިއްބެވީ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!