ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އެމްއެންޑީއެފް އިން ހިފެހެއްޓި އިންޑިއާގެ ޓެމިލް ނާޑޫގެ މަސްވެރިން ދޫކޮށްލައިފިއެވެ.

އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިންޑިއާގެ އަށް މަސްވެރިން އިންޑިއާ އަށް ފޮނުވާލުމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅި ކަމަށެވެ. އެހެންވެ، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

Ad
rt

މި އަށް މަސްވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތިއްބާ ނަގާފައިވާ ފޮޓޯއެއް ހައި ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އެ ބޯޓުގައި ތިބި މީހުން އަތުލައިގަތީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީން ވަނީ ބޯޓު 42،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް މި މަހުގެ އެއް ވަނަ ދުވަހު އަންގައިފައެވެ.

އެ މަސްވެރިން ހިފެހެއްޓުމާ ގުޅިގެން އިންޑިއާގެ ޓެމިން ނާޑޫގެ މިނިސްޓަރު އެމްކޭ ސްޓާލިން ވަނީ ފާޑު ވިދާޅުވެފައެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ ހިފަހައްޓާފައިވާ މަސްވެރިންނާއި އެ މަސްވެރިންގެ އާއިލާތައް ދިރިއުޅެނީ މަސްވެރިކަންކޮށްގެން ލިބޭ އެއްޗަކުން ކަމަށާއި އެމީހުން ދައްކަން ކުރި ޖޫރިމަނާއަކީ މާ ބޮޑު އަދަދެއް ކަމަށެވެ. އަދި އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ނުވަންނަ ކަމަށާއި އެމީހުން މަސްވެރިކަން ކުރަމުން ދިޔައީ ގަވައިދާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.