ނިރުބަވެރި އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިިލިސްއަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހެޅުއްވި ޤަރާރު، މަޖިލިސް ހުއްޓިފައި އޮތުމުން ކުރިއަށް ނުގެންދެވި ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ގޮވާލައި، ނިރުބަވެރި އިސްރާއީލުގެ ޢަމަލުތައް ކުއްވެރިކޮށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގައި ބަހުސް ހިންގައި، މަޖިލިސްގެ ގޮވާލުމެއް ފާސްކުރުމަށް މެންބަރު ސައުދު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް މިހާތަނަށް އެ ޤަރާަރުގެ މަސައްކަތް މަޖިލީހުގައި ހިންގިފައެއްނުވެއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލާގައި، މިހާރު މަޖިލިސް ހުއްޓިފައި އޮތުމުން އެކަމަށް އިޝާރާތްކުރައްވަމުން، ސައުދު ''އެކްސް''ގައި ވިދާޅުވީ، އޭނާ ހުށަހެޅުއްވި ޤަރާރު ކުރިއަށް ނުގެންދެވިވަނީ މަޖިލިސްގެ ގަވާއިދު ''ހިތުހުރިގޮތަކަށް މާނަކޮށް މަޖިލިސް ހުއްޓާފައި އޮތުމުމުގެ ސަބަބުން'' ކަމަށެވެ.
އެހެންވެ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްއިން ބަހުސްކޮށް ފާސްކުރަންޖެހޭ، ޤަރާރުގެ މަސައްކަތް ވެސް އޮތީ ހުއްޓިފައިކަމަށް ސައުދު ވިދާޅުވެފަވެއެވެ.
''މިއީ ނުހަނު ކަންބޮޑުވާކަމެއް، ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ އެތައް މަސައްކަތެއް މިވަނީ ހުއްޓުމަކަށް އައިސްފައި، މަޖިލިސް ގަވާއިދުގައި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ ގޮތެއް ވެސް ނެތް، މަޖިލިސް ކުރިއަށް ގެންދެވޭނެ'' ސައުދު ވިދާޅުވެފަ ވެއެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، އެ މައްސަލާގައި ޤާނޫނުއަސާސީ އާއި މަޖިލީހުގެ ޤަވާޢިދާ ޚިލާފަށް ކުންކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ.
ސައުދު ހުށަހެޅުއްވި ޤަރާރު:
ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތް ކަމުގައިވާ އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދު ތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތަށް ކުއްވެެރިކޮށް އެހަމަލާތަށް ވަގުތުން ހުއްޓާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް… pic.twitter.com/N4cY7TT0lr
— Saud Hussain (@SaudVillingili) October 12, 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅޭ ދުސްތޫރީ މައްސަލައެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ވައްދާފައި އޮތުމުން ނަޝީދު އިތުބާރުގެ މައްސަލަ ދެން އެޖެންޑާ ކުރާނީ ކޯޓުން އެ މައްސަލައަށް ގޮތެއް ނިންމުމުން ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިފަދަ މައްސަލައެއް އެޖެންޑާ ކުރުމަށްފަހު ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުގައިއެވެ.
އެ މައްސަލައަށް ގޮތް ނުނިމޭތީ މަޖިލިސްގެ ނައިބު ރައީސް އީވާ ޢަބުދުﷲ މަޖިލިސްގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވުމާއެކު، މަޖިލިސް މިވަގުތު އޮތީ ހުއްޓިފައެވެ.
Majlis gawaaidh hithu huri gothakah maanakoh Majlis huttuvaafa othumuge sababun palestine rayyithunge hagguthah dhifau kurumah dhivehi raajjeyge rayyithunge majlis in bahus koh faaskuran jehey Qaraaruge masakkai ves mivanee huttifa. Mi ee nuhanu kanboduvaa kameh. Rayyithunge…
— Saud Hussain (@SaudVillingili) November 7, 2023
ނަޝީދުގެ އިތުބާރުގެ މައްސަލާގައި، އެ މައްސަލަ ކުރިއަށް ގެންދާނެ ޖަލްސާއެއް ބާއްވަން ހައްލު ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވާއިރު، އަދި އެ މައްސަލާގައި ކޯޓުން ގޮތެއް ނުނިންމައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!