ރޯގާ އަށް ބޭނުންކުރާ ސިޓްރިޒަމް ސިރަޕެއްގައި ކެމިކަލް މާއްދާއެއް ހުރުމުން އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުން އިއްޔެ މަނާކޮށްފިއެވެ.

މިކަމާއިގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، އޮކްޓޯބަރު، 2022 އިން ފެށިގެން ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެލާޓް ނެރެފައިވާ ކަމަށެވެ.

Ad
rt

އެހެންވެ، ދުނިޔޭގެ އެކި ގައުމުތަކުގައި އުފައްދާ ކެއްސުމާއި ހުމާ އަދި ރޯގާއަށް ބޭނުންކުރާ މި ބޭހުގެ ރެންޑަމް ސާމްޕަލް ނަގައި ސްކްރީން ކުރުމުގެ މަސައްކަތް ރާއްޖޭގައި ވެސް ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ވިދާޅުވެފަވެއެވެ.

މި ބޭހުގައި އެކުލެވޭ ކެމިލް ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް މިވަގުތު ރާއްޖޭން ހެދެން ނެތުމުން، ރާއްޖޭގައި ސްކްރީން ކުރެވޭ މިބާވަތުގެ ބޭހުގެ ތެރެއިން ކެމިކަލް މާއްދާ ހުރިކަން ފާހަގަކުރެވޭ ސާމްޕަލްތައް ބޭރުގެ ލެބޯޓަރީއަކަށް ފޮނުވައިގެން ޓެސްޓު ކުރައްވާނެ ކަމަށް ވެސް އެ އޮތޯރިޓީން ވިދާޅުވެފަވެއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، ރާއްޖޭގެ މާކެޓުން މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް ނަގައި ސްކްރީން ކުރިއިރު ސިޓްރިޒަމް ސިރަޕް (ބެޗް 220)ގައި ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

"ވީމާ، މި އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި ފާހަގަކުރެވުނު ބްރޭންޑުގެ އިތުރު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ނިންމާފައިވާތީވެ، މި ޓެސްޓުގެ ނަތީޖާ ލިބި، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން މި ބްރޭންޑު އެތެރެކުރުމަށާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެކެވެ." އެމްއެފްޑީއޭގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.

އެމްއެފްޑީއޭގެ މިބަޔާނާއި ގުޅިގެން ރާއްޖޭގެ ކުޑަކުދިންގެ މަޝްހޫރު ޑޮކްޓަރު ''އެކްސް'' މެދުވެރިކޮށް އެމްއެފްޑީއޭގެ މި ނޯޓިސްއާއި ގުޅިގެން މި ބޭސް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިބޭސް އާސަންދައިގެ ލިސްޓުން އުނިކޮށްދޭން ވެސް އެދިލައްވާފަވެއެވެ.