މަާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ ރާވައިގެން ހިންގާ ސްކޭމެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޔާސިރު ޚިލާކުފާޅުކުރައްވަމުން ''އެކްސް''ގައި ލިޔުއްވާފައިވާ ގޮތުގައި، ފަހުގެ ތާރީޚުގައި މިހިންގާ މަާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ ރާވައިގެން ހިންގޭ ސްކޭމެކެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން އުފުލާ ތަކުލީފު، މާލެ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލި ކޮންމެ ފަހަރަކު ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢުން ފުރަތަމަ 4000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުގެ ނަންތަކާއި ލިބިފައިވާ ޕޮއިންޓުތައް ސަރުކާރުން ހާމަކުރުމާއި ގުޅިގެން ޔާސިރުގެ ދާއިރާގެ ބައެއް ރައްޔިތުން ވެސް ދަނީ ޝަކުވާ ހުށަހަޅަމުން ކަމަށާއި، އަދި އޭގެތެރޭގައި ޤަބޫލު ކުރެވޭ ޝަކުވާތައް ހުރުމާއެކު އެކަންކަން ވާނީ ޕާޓީގެ ލީޑާޝިޕާއި، ސަރުކާރާއި ޙިއްސާ ކޮށްފައި ކަމަށް ޔާސިރު ވިދާޅުވެފަވެއެވެ.
''މާލޭ ސަރަހައްދުން މިހާރު ކުރިޔަށްދާ، ބޯހިޔާވަހިކަމުގެ މައްސަލާގައި ބައެއް ފަރާތްތަކުން ސަރުކާރަށާއި، އެމް.ޑީ.ޕީ އަށް އެކި ބާވަތުގެ ތުޙުމަތު ކުރަމުންދާ މިދަނޑިވަޅުގައި ހަނދާން އާކޮށްލަން ޖެހޭ ކަމަކީ، ހަމަ މި ބީދައިން މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކުގެ ލިސްޓު 2018 ވަނަ އަހަރު، އޭރު އޮތް ސަރުކާރު ބަދަލުވެ އިންތިޤާލީ ދުވަސްވަރު ނެރުނު އިރު، އެ ލިސްޓުގައި ފޯމު ނަންބަރެއް ފިޔަވައި އިތުރު ތަފުޞީލެއް ފެންނަން ނެތްކަން.'' ޔާސިރު ވިދާޅުވެފަވެއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ދައުރު ނިންމާލި ސަރުކާރަށް ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓު ދެއްވި ގޮތުގެ ތަފުސީލު ދެއްވުމަށް ހައުސިން މިނިސްޓްރީން އޭރު ދެކޮޅުހައްދަވާފައި ވާކަމަށް ޔާސިރު ފާހަގަ ކުރައްވާފަވެއެވެ.
''ނުތަނަވަސްކަން ހުރި ނަމަވެސް ޤަބޫލު ކުރުން އެންމެ އެދެވޭ ޙަޤީޤަތަކީ، ޕޮއިންޓު ދެއްވާފައިވާ ގޮތުގެ ތަފުޞީލީ މަޢުޟޫމާތު ހާމަކޮށް، އަޅާކިޔުމުގެ ފުރުޞަތު ލިބިފައި އޮތުމާއެކު، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަގުތުން ވަނީ ހުޅުވާލާފައިކަން.'' ޔާސިރު ވިދާޅުވެފަވެއެވެ.
ޔާސިރު ވިދާޅުވީ، ހާމަކަން ބޮޑުވުމަކީ ކަންކަން ރަނގަޅު ކުރުމަށް އޮތް އެންމެ ހެޔޮފާލު ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!