ކ. ރަސްފަރީ ފަރަށް އެރި ބޯޓުގެ ސަބަބުން ލިބުނު ގެއްލުން އިއާދަ ކުރުމަށްޓަކައި އެ ފަރުގައި މުރަކަތައް އިންދަން ފަށައިފިއެވެ.

"ރީ ސްޓޯ ރަސްފަރި" ނަމުގައި ރަސްފަރި ފަރު އިއާދަކުރުމުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވީ އެންވާރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އެވެ.

Ad
rt

މި މަޝްރޫއު ފަށްޓަވާދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ މިއީ ރާއްޖޭގެ ފަރަކަށް ބޯޓެއް އަރައިގެން ލިބުނު ޖޫރިމަނާ ފައިސާ ހޭދަކޮށްގެން ފަރެއް މަރާމާތުކުރުމުގެ މަސައްކަތަ ކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ 3.5 މިލިއަން ޑޮލަރު ހާއްސަކުރީ އީޕީއޭގެ ވަކި ޓްރަސްޓް ފަންޑަކަށް ކަމަށެވެ.

"އެ ޓްރަސްޓް ފަންޑުން މިގޮތަށް ފަރަށް ލިބޭ ގެއްލުން އިއާދަކުރުމުގެ މަސައްކަތް ކުރެވޭޭނެ" ޝައުނާ ވިދާޅުވިއެވެ.

ރަސްފަރި ފަރު އިއާދަ ކުރުމަށް އީޕީއޭއިން އާލާކޮށްފައިވާ ކޮރަލް ފްރެގްމަންޓްސްތައް ނުވަތަ ދިރޭ މުރަކައިގެ އެތިކޮޅުތައް ގެއްލުން ލިބިފައިވާ ސަރަހައްދުގައި ހަރުކޮށްފައި ވެއެވެ. އެކި ބައި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއު 7 އަހަރަށް ދެމިގެންދާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ބޯޓު އެރި ފަރަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު ގެ ދަށުން 1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު، މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި، އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިން ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މިސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ގާހުޅުނބު ލަނޑައާއި، މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.

ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ އެ ބޯޓުގެ ވެރިފަރާތުން ވަނީ އީޕީއޭއަށް ދައްކާ ހަލާސް ކޮށްފައެވެ.

އެ ފަރަށް އަރާފައިވަނީ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަނިކޮށް، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓެކެވެ.

ސަރުކާރުން ހިމާޔަތް ކޮށްފައިވާ ރަސްފަރި ފަރަށް އެ ބޯޓު އެރީ އޮގަސްޓް 18، 2021 ގައެވެ. އެ ފަރަށް ލިބުނު ގެއްލުން ބެލިއިރު ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ. އަދި މުރަކަތަކާއި އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް މަރުވެފައިވާ ކަމަށް ވެސް ސަރުކާރުން ހާމަކުރައްވާފައި ވެއެވެ.