ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރައްވައިފިއެވެ.
މި ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒްޓްކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ މި ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ލިސްޓްގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވެފައިވަނީ ފްލެޓު ލިބޭ މީހުން ގުރުއަތުލުމަށް ހާޟިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ.
އެ ލިސްޓުގައި ނުހިމެނުނު ކަމުގައިވިޔަސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވިދާޅުވީ ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 ފްލެޓްކަމަށެވެ.
"ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓަށް އެދުމަށް ހުޅުވައިލުމުން 20،697 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. މީގެތެރެއިން 13000 ހާހެއްހާ މީހުން ޝަރުޠުހަމަވާ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!