ޤައުމުގެ ހައްގުގައި އަމިއްލަ ފުރާނަ ފުރުބާންކޮށް ޝަހީދުވެދިޔަ ކޮންމެ ބޭފުޅެއްގެ ޒިކުރާ އާކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޤައުމީ ވާޖިބެއް ކަމަށް އިންތިހާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހު ޕީއެސްއެމް އިން ގެނެސްދޭ "ދިވެހީންގެރާއްޖެ" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އިންތިހާބީ ނައިބު ރައީސް ވިދާޅުވީ އެބޭބޭފުޅުންގެ ޒިކުރާއާކޮށް އެފަދަ ދުވަސްތައް ފާހަގަކުރުމަަށް ސަރުކާރުތަކުން ކުޑަކޮށް ވެސް ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށެވެ. އަދި ގައުމީ އަބުތާލުން ގައުމަށްޓަކައި ވެވަޑައިިގެންފައިވާ މަތިވެރި ގުރުބާނީގެ އަގުވަޒަންކޮށް އެބޭފުޅުންގެ ޒިކުރާ އާކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.

ނަސްރުގެ ދުވަހާއި، ޝަހީދުންގެ ދުވަހާއި، ޤައުމީ ދުވަސްފަދަ ދުވަސްތަކަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ހަމައިން ފެށިގެން މުޅި ސަރުކާރާއި ރައްޔިތުންގެ އެކަމުގައި ޝާމިލުވާ ގޮތަށް ފާހަގަކުރަންޖެހޭ ދުވަސްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނާނީ އެފަދަ ދުވަސްތައް ފާހަގަކުރެވި ޒިކުރާ އާކުރެވިގެން ކަމަށްވެސް ވިދާޅުވިއެވެ.

"އެދުވަހުގެ އަޅުގަނޑުމެންގެ ޤައުމަށްޓަކައި އަބުތާލުންތަކެއް ފުރާނަ ގުރުބާން ވެގެންދިޔަ. އެބާތާލުންގެ ޒިކުރާ އާލާކުރުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެއް. ހަގީގަތުގައި އެއީ ނުކޮށް ދޫކޮށްލެވޭނެ ކަމެއްނޫން. އެހެން ނޫންނަމަ ޤައުމެއް ޤައުމެއްގެ ގޮތުގައި ދިރުވޭނެ ތަނެއް ނުފެންނާނެ. ޤައުމުގެ އެއްބައިވަންތަ ކަމުގެ ރޫހު އާލާ ނުކުރެވޭނެ. ޤައުމެއްގެ ބަހާތައް ދިރުވޭނީ މިފަދަ ދުވަސްތައް ފާހަގަކޮށްގެން." އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ސެމްބެ ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒު ވަނީ މިފަދަ ދުވަސްތައް ފާހަގަ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައި ކަމަށާއި ގައުމެއްގެ ހަޔާތުގައި ގައުމަށް ނަސްރާއި ކާމިޔާބީ ހޯދައިދިން އަބުތާލުންގެ ޒިކުރާ ފަނޑު ނުވާނޭހެން ފާހަގަ ކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.

މިއަދަކީ މީގެ 35 އަހަރުކުރިން ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން، ދިވެހި ހާއިނުންގެ މަދުބަޔަކާއި، ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކު ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލައި، ދިވެހި ސިފައިން ދިވެހި ގައުމަށް ނަސްރު ހޯދައިދިން ދިވެހިންގެ ނަސްރުގެދުވަހެވެ.

މިއަދަކީ މިހާދިސާއަށް 35 އަހަރު ފުރޭ ދުވަހެވެ.

މިއީ ދިވެހިންތަކެއް ބޭރުގެ ހަތިޔާރު އެޅި ބަޔަކާ ގުޅިގެން މިޤައުމުގައި ހިންގި އެންމެ ލާއިންސާނީ އެއް ޖަރީމާއެވެ. މި ދުވަސް ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އަދި ތާއަބަދަށް މިވާހަކަތައް ދައްކާ މި ދުވަހު ޝަޙީދުވި 19 ދިވެހިންގެ ހަނދާން އަބަދުހެން އައުކުރާނެއެވެ. އެކަމުގައި ބައިވެރިވި މަދު ދިވެހިންގެ ގައިގައި ޖެހިފައި އޮތް ސިއްކަ ފޮހެވިގެންނެއްވެސް ނުދާނެއެވެ.

މިއީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކާ ދިވެހިންގެ މަދުބަޔަކު ހިންގި ނުރައްކާތެރި ޢުދުވާނީ ހަމަލާއެކެވެ. ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ޙަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.