ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ މާދަމާ އަށް އެޖެންޑާކުރަން މަޖިލީހުން ނިންމައިފިއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ގަވާއިދުގައިބުނާ ހަމަތަކުގެމަތިން މަޖިލީހަށް ހުށަހެޅިއްޖެނަމަ ގަވައިދުގައި ބުނާ މުއްދަތު ދިނުމަށް ފަހު އަންނަ އެންމެ ފުރަތަމަ، ރަސްމީ ބަންދުނޫން ދުވަހަށް އެ މައްސަަލަ އެޖެންޑާކުރަން ޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެއެވެ.
އެހެންވެ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅާފައި ވާތީ، އެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާ ފުރަތަމަ ތާވަލުކޮށްފައި އޮތީ މިއަދަށެވެ. ނަމަވެސް މަޖިލިސްގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ސަލާމްގައި ހުންނެވުމުން މިއަދުގެ ޖަލްސާ ވަނީ ކުރިއަށް ނުގެންދެވިފައެެވެ.
މިއަދު ކުރިއަށް ނުގެންދެވުނު ޖަލްސާ މާދަމާއަށް އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވަނީ ވިދާޅުވެފައެެވެ.
މިފަދަ މައްސަލައެއް އެޖެންޑާ ކުރުމަށްފަހު ދެން މަޖިލީހުގެ މަސައްކަތްތަށް ކުރެވޭނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވެއެވެ.
ނަޝީދު ވަކިކުރުމަށް އިތުބާރުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކުގައި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!