ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވެފައިވާގޮތުގައި އެ ޖަލްސާ ކުރިއަށް ގެންދެވޭގޮތް ނުވީ، މަޖިލިސްގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ މަޖިލިސްއަށް ހާޒިރު ނުވެވުމުންނެވެ.
މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލާގައި މަޖިލީހުގެ ރައީސް ވަކިކުރަން ޤަރާރެއް މަޖިލީހަށް ހުށަހަޅަންޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބުނެފަވެއެވެ. ނަމަވެސް އެފަދަ ޖަލްސާއަކަށް ނައިބު ރައީސަށް ވެސް ހާޒިރު ނުވިވިއްޖެނަމަ ދެން ކަންކުރާނެގޮތެއް އެ ގަވާއިދުގައި ސާފުކޮށް ލިޔެފައެއް ނުވެއެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އާއި އަދި ގަވާއިދުގައި ބަޔާންކުރާ އިތުރު މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓޭނެ ހަމައެއް ބަޔާންކޮށްފަ އޮވެއެވެ. މިގޮތުން މަޖިލީހުގެ ރައީސާއި، ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ޤާނޫނުއަސާސީއާއި އެއްގޮތްވާގޮތުގެ މަތީން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށް އޮވެއެވެ. އަދި މިގޮތުން ކަނޑައަޅަންވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި ފަސް މެންބަރުން ކަމަށް ގަވާއިދުގައި ބުނެއެވެ. ނަމަވެސް މިހަމަ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ހިންގޭ ޖަލްސާއެއްގައި ހިފެހެއްޓިދާނެކަން ނުވަތަ ނޫންކަމުގެ ޤާނޫނީލަފާ ދޭނީ މަޖިލީހުގެ ކައުންސިލަ ޖެނެރަލްއެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި
މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 12 އޮކްޓޯބަރު 2023 ގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ބާއްވާ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ. އަދި އެ މައްސަލަ އެޖެންޑާކުރުމުގެ ކުރިިން ދިފާއުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތާއި އެކަމަށް ކަނޑައަޅާ ވަގުތު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅަން ޖެހޭނެއެވެ.
އެހެންކަމުން ނަޝީދުގެ އިތުބާރުގެ މައްސަލަ ހިންގާ ދުވަހު އެމަނިކުފާނަށް ޖަވާބުދާރީ ވުމަށް ދިނުމަށް މަޖިލީހުގެ އާންމު ކޮމެޓީން ނިންމާފައި ވަނީ 30 މިނިޓްގެ ވަގުތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!