ދުނިޔެއަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ހުނަރު އިތުރުކުރަން މަސައްކަތް ކުރުން މުހިންމު ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، ވިލާ ނޯޓިކާ ރިސޯޓުގައި މިއަދު ފެށި "ކޯޗިންގ މާސްޓަރ ކްލާސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިއަދު ހެނދުނު ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ހަލުވި ދުވެއްޔާއި އެކު ބަދަލުވަމުން އަންނަ ދުނިޔޭގައި، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް އުނގެނުމުގެ ފުރުޞަތު އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، ވަސީލަތްތައް މަދު ރާއްޖެ ފަދަ ކުޑަ ޤައުމަކަށް، އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތެރިންގެ ހުނަރުވެރިކަން އިތުރުކުރަންޖެހޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ކޯޗިންގ މާސްޓަރ ކްލާސް" އަކީ އިންޓަރނޭޝަނަލް ކޯޗިންގ ފެޑެރޭޝަން އާއި ވޯލްޑް އޮފް ޓުމޯރޯ ގުޅިގެން، ކުރިއަށް ގެންދާ ހަރަކާތެކެވެ. މީގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވީ، އައި.ސީ.އެފްގެ ވައިސް ޕްރެޒިޑެންޓް ރޮބަރޓް ގާސިއާ އެވެ. މި ސެޝަން މައުޟޫއަކީ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޯގަނައިޒޭޝަންސް" އެވެ.

ރާއްޖޭގެ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ، ކޮންމެ ދާއިރާއަކަށްވެސް ބޭނުންވާ ފުރިހަމަ ތަމްރީންތައް ހިންގުމުގެ ސަޤާފަތެއް އަށަގެންނެވުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.