މިނިސްޓްރީ އޮފް ފިނޭންސުން ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ސަޕްލިމަންޓްރީ ބަޖެޓް ތައްޔާރުކޮށްފައި އޮތީ މާލިއްޔަތު ޤާނޫނާއި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެ ބަޖެޓް ޤާނޫނާއި އެއްގޮތައް ތައްޔާރުކުރުމަށްފަހުގައި ނޫނީ މަޖިލިސް ތަޅުމަށް ހުށަނޭޅޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭކަމަށް ލަފާކުރާ ހަރަދާއި އެ އަހަރަކަށް ދައުލަތަށް ލިބޭނޭކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ދައުަލަތުގެ މާލިއްޔަތު ގާނޫނުން އެނގޭގޮތުގައިި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ، އެ ހުށަހެޅުމެއް ތައްޔާރުކުރަން ޖެހޭނީ މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ވިދާޅުވެފައިވެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިނިސްޓަރ @iameeru ފޮނުއްވާފައިވާ ސަޕްލިމަންޓްރީ ބަޖެޓާ
ގުޅޭގޮތުން އަޅުގަނޑުމެން @TheDemocratsMV
ދެކޭގޮތް!
ރައްޔިތުންގެ ފައިސާ ގާނޫނު ތަކާ ހިލާފަށް ބޭނުންކުރަން
ވިސްނައިގެން ނުވާނެ. ރައްޔިތުންނަށް އޮޅުވާނުލާ ! pic.twitter.com/4hJhZmcrWK
— (@aliaazim) October 24, 2023
އެހެންނަމަވެސް 19 އޮކްޓޯބަރުގައި ފިނޭންސަށް ފޮނުވާފައިވާ ސަޕްލިމެންޓަރީ ބަޖެޓު އެކުލަވައިލުމުގައި މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) އަދި ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތަށް ވޭތުވެދިޔަ މާލީ އަހަރުގެ ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބާއި ދައުލަތުގެ އޮފީސްތަކުގެ ޕްރޮގްރާމު ބަޖެޓުގެ ތަފްސީލު ހިމަނާފައި ނުވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވެފައިވަނީ ފިނޭންސަށް ފޮނުވާފައިވަނީ ފާސްކުރި ބަޖެޓުން ހަރަދު ކުރުމަށް ސަޕްލިމެންތަރީ ބަޖެޓެއް ހުށަހެޅުމާއި ހަމައަށް މިއަހަރުގެ ބަޖެޓުން ހިނގާފައިވާ ހަރަދުތަކުގެ ތަފްސީލު އެނގެންޖެހޭ ކަމަށެވެ. އަދި ފާސްކުރާ ކޮންމެ ބަޖެޓަކާއެކު ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ކުރިމަގަށް އަންނާނޭ ބަދަލުތައް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ހަމަތަކުގެ ތެރެއިން އަންދާޒާ ކުރެވެން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ފޮނުވާފައިވާ ސަޕްލިމެންޓަރީ މަޖިލީހުގެ ތަޅުމަށް ހުށހެޅިއްޖެނަމަ، ވެގެންދާނީ ނުރަނގަޅު އާދައެއް ފެށި ތަކުރާރުވާން ހުޅުވޭ ޖާގައަކަށް ކަމަށް ވެސް އާޒިމް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!