ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަން ނިންމައިފިއެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަން މަޖިލީހުގެ މެންބަރުންނަށް މިއަދު ވަނީ އަންގާފައެވެ.

Ad
rt

ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކުރާނެ ކަން މަޖިލީހުގެ މެމްބަރުންނަށް އަންގަވައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ފޮނުއްވި ސިޓީގައި މަޖިލީހުގެ ގަވައިދާ ހަވާލާ ދެއްވައި ވިދާޅުވެފައި ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅާފައި ވާތީ، ގަވައިދުގައި ބުނާ މުއްދަތު ދިނުމަށް ފަހު އަންނަ އެންމެ ފުރަތަމަ، ރަސްމީ ބަންދުނޫން ދުވަހަށް އެ މައްސަަލަ އެޖެންޑާކުރަން ޖެހޭ ކަމަށެވެ.

މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 12 އޮކްޓޯބަރު 2023 ގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ބާއްވާ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ. އަދި އެ މައްސަލަ އެޖެންޑާކުރުމުގެ ކުރިިން ދިފާއުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތާއި އެކަމަށް ކަނޑައަޅާ ވަގުތު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅަން ޖެހޭނެއެވެ.

އެހެންކަމުން ނަޝީދުގެ އިތުބާރުގެ މައްސަލަ ހިންގާ ދުވަހު އެމަނިކުފާނަށް ޖަވާބުދާރީ ވުމަށް ދިނުމަށް މަޖިލީހުގެ އާންމު ކޮމެޓީން ނިންމާފައި ވަނީ 30 މިނިޓްގެ ވަގުތެވެ.

އެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ދެން މަޖިލީހުގެ މަސައްކަތްތަށް ކުރެވޭނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ވަނީ މީގެ ކުރިން ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ނަޝީދު އެ މައްސަލަ އެޖެންޑާ ނުކުރައްވާ ރިޔާސީ އިންތިހާބާއި ޖެހެންދެން ވެސް ދިގު ދަންމާލީއެވެ.

އެންމެ ފަހުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރައްވާނެ ކަމުގެ އުންމީދުގައި އެމްޑީޕީން ވަނީ މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ގެންގޮސްފައެވެ.